އާދިއްތަ, November 8
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި 1200އަށްވުރެ ޒުވާނުން ކުރިމަތިލައިފި

މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދަވާ މިޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. ވޭތުވެދިޔަ 1 މަސްދުވަހުގެ ތެރޭގައި މިޕްރޮގްރާމްގައި ބައިވެރިވުމަށް 1244 ޒުވާނުން ކުރިމަތިލާފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، ޖިސްމާނީ އަދި ސިއްޙީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށްވެސް ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އަދި މިހާރު ކުރިމަތިލާފައިވާ ކުދިންގެ ތަރުތީބުން ތަމްރީނުން ޖާގަ ލިބިފައިވާ ގޮތައި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރާނެކަމަށްވެސް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއި ފުރަތަމަ ބުރުގެ ރިޒާވްގައި ހިމެނޭ ފަރާތްތަކަށްވެސް އެމަޢުލޫމާތު ހިއްސާކުރާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އަދި މިޕްރޮގްރާމަށް މީހުން ނެގުމުގެ މަރުޙަލާ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައިވާއިރު ކޮންމެ ކެނޑިޑޭޓަކުވެސް ސެލެކްޝަން ޕްރޮސެސްކުރިއަށްގެންދިޔުމަށް ހާޒިރުވާންޖެހޭނީ އެންމެ ކައިރީގައި ހުރި ސްޓޭޝަނަކަށްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރުމަށްޓަކައި ސަރުކާރުން ވަނީ މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ނަމުގައި ޤައުމީ މަޝްރޫޢެއް ފައްޓަވާފައެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު