އާދިއްތަ, November 8
ޓޭކްއަވޭ ކެފޭއެއްގެ ތެރެއިން ބިދޭސީއެއް ހައްޔަރުކޮށްފި

މާލޭގައި ހިންގަމުންދާ ޓޭކްއަވޭ ކެފޭއެއްގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހަވީރު ވަނީ މާލޭގައި ހިންގަމުންދާ ޓޭކްއަވޭ ކެފޭއެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

އަދި އެތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިއަ ބިދޭސީއެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ކުރަމުން އަންނަ އިރު ޓާސްކް ފޯހުން ދާދީ ފަހުން ވަނީ ހުޅުމާލޭގައި ހުންނަ "ރަށު މާރުކޭޓު" ސަރަހައްދުގައި ރެއިޑް އޮޕަރޭޝަނެއް ހިންގައި 37 ބިދޭސީންވެސް ހައްޔަރުކޮށްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު