Monday, October 12
އާ ޓާމިނަލުގެ ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވަން ތައްޔާރުވަމުން އަންނައިރު، އެ ޓާމިނަލްގެ "ޕެސެންޖާ ބޯޑިން ބްރިޖުތައް" އޮޕަރޭޓްކުރާނެ މުވައްޒަފުން ތަމްރީނުކޮށްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ އެ ހިދުމަތަށް މުވައްޒަފުންނަށް ހާއްސަ ތަމްރީނެއް ދިނީ އެއީ ރާއްޖެއަށް މުޅިން އާ ހިދުމަތަކަށް ވާތީ ކަމަށެވެ.

އެ ކުންފުނިން ވަނީ ޕެސެންޖާ ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރުމަށް 14 މުވައްޒަފުން މެލޭޝިއާއަށް ފޮނުވައިގެން ތަމްރީނުކޮށްފައެވެ. ބައެއް ތަމްރީނުތައް ހުޅުލޭގައި ވެސް ކުރިއަށް ގެންދިޔައިރު، ޕެސެންޖާ ބޯޑިން ބްރިޖުތައް ތަމްރީނުކުރުމަށް މިހާތަނަށް 46 މުވައްޒަފުން ތަމްރީނުކޮށްފައިވާކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

އެމްއޭސީއެލްގެ އަމާޒަކީ މެލޭޝިއާއިން ތަމްރީނުވި މުވައްޒަފުންގެ އެހީގައި ރާއްޖޭގައި އިތުރު މުވައްޒަފުން އެ ހިދުމަތަށް ތައްޔާރުކުރުމެވެ. ތަމްރީނުތައް ހިންގުމުގެ ބޭނުމަކީ ޕެސެންޖާ ބޯޑިން ބްރިޖުތައް ރައްކާތެރިކަމާއެކު އޮޕަރޭޓްކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ޕެސެންޖާ ބޯޑިން ބްރިޖުގެ ހިދުމަތަކީ ރާއްޖެއަށް އާ ހިދުމަތެވެ. އެގޮތުން އެ ހިދުމަތާއެކު ރާއްޖެ އަންނަ މަތިންދާ ބޯޓުތަކުން މީހުން ފޭބުން ޓާމިނަލާ ގުޅުވާލެވޭނެއެވެ. ބޯޓުން ސީދާ ޓާމިނަލަށް ފަސިންޖަރު ފޭބުމުގެ އިންތިޒާމު ހަމަޖެހުމާއެކު، ބޯޓުން ފޭބުމަށް އަދި އެރުމަށް ކުރިން ބޭނުންކުރާ ގޮތަށް ބަސް ބޭނުންކުރާކަށް ނުޖެހޭނެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މިއަހަރުގެ ޖުލައި 26 އާ ދިމާކޮށް އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު