Saturday, November 14
ރަތަފަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ރަތަފަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ރަތަފަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ބީލަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑްގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާ އެއްގޮތަށް ކަމަށެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް  -/1,500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2 ޖުލައި 2025 އިން 20 ޖުލައި 2025 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/251,000ރ. ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

މިޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00:00ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00:00 ގައެވެ.

ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަންވާނެ ކަމަށެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު