Saturday, November 14
ދީނާއި ސިޔާދަތަށް ބުރުލެއް އަރާނެ އިންވެސްޓްމަންޓަކަށް ސަރުކާރުން ފުރުޞަތު ނުދޭނެ: މިނިސްޓަރު ޝިޔާމް

ދިވެހިންގެ ދީނާއި، ސިޔާދަތާއި މިނިވަންކަމަށް ބުރުލެއް އަރާނެ އެއްވެސް އިންވެސްޓްމަންޓަކަށް މި ސަރުކާރުން ފުރުޞަތު ނުދޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ޝިޔާމް ވިދާޅުވީ، ދިވެހިންގެ ދީނާއި، ސިޔާދަތާއި މިނިވަންކަން ދިފާޢުކޮށް ހިމާޔަތްކޮށް ދަމަހައްޓާނީ މި ސަރުކާރުން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން، ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫޢަކީ ދިވެހި ތާރީޚުގައި ޒަމާންތަޕކަށް ދެކޭނެ އެންމެ ބިޔަ މަޝްރޫޢު ކަމަށާއި، އެއީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށް، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ މުހިންމު ބައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރޭގެ އެއްވުމުގައި ފެނިގެންދިޔައީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް އޮޅުވާލައިގެން 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ފެށި މަންޒަރު ކަމަށާއި، އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އަދި މީގެ ކުރިން ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް ނާންގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަން ކުރައްވާފައިވާ ބޭފުޅުން މިއަދު ޤައުމާއި ދީނުގެ ވާހަކަ ދެއްކެވިޔަސް، އެ ބޭފުޅުންގެ ނިޔަތް ރައްޔިތުންނަށް ސާފުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު