Saturday, November 14
މިއަހަރު ނިމޭއިރު ރަސްމީ ރިޒާވުގައި ހުންނާނީ 817 މިލިއަން ޑޮލަރު: ބަޖެޓު

މި ހިނގާ އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުންނާނީ 817.17 މިލިއަން ޑޮލަރު ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ.

ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރީ 984.6 މިލިއަން ޑޮލަރެވެ.

ރިޒާވް ދަށްވާނެ ކަމަށް ލަފާކުރެވެނީ، ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައި، ބޭރުގެ ބޮޑެތި ދަރަނިތަކެއް ދައުލަތުން އަދާކުރަން ޖެހުނީތީއެވެ. އެގޮތުން، މި އަހަރުގެ އޭޕްރީލް މަހު އަދާކުރަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ތެރެއިން 350 މިލިއަން ޑޮލަރު ހަމަޖެހިފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުންނެވެ. ބާކީ ބައި ދައްކާފައިވަނީ ރަސްމީ ރިޒާވުންނެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރިޒާވް ހުންނާނެ މިންވަރު އަންދާޒާކުރުމުގައި ބަލާފައިވަނީ، މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާއި، ބޭރު ފައިސާ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކާއި، މަނިޓަރީ ސިޔާސަތަށް ގެނައި އިސްލާހުތަކަށެވެ. މީގެ އިތުރުން ކުރިއަށްއޮތްތަނުގައި ލިބޭނެ ކަމަށް އުއްމީދުކުރާ ބޭރުގެ ފައިނޭންސިންގއަށްވެސް ރިޢާޔަތްކޮށްފައިވެއެވެ.

ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން، ޝަރުތުހަމަވާ ވިޔަފާރިތަކުން 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައިވެއެވެ. އަދި އެ ފައިސާގެ ތެރެއިން ބައެއް މަރުކަޒީ ބޭންކަށް ވިއްކާއިރު، ޤައުމީ ރިޒާވް އިތުރުކުރުމަށް އެމްއެމްއޭއިން އެ ފައިސާ ބޭނުންކުރާކަމަށް ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވެއެވެ.

ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) އިތުރުކުރުމަކީ މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިއީ ބޭރު ފައިސާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު