Saturday, October 31
ފުވައްމުލަކުގައިވެސް އައިޑީ ކާޑް ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައީޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ޑީއެންއާރުން ބުނީ މިއާއެކު މާލެއިން އައިޑީ ކާޑުތައް ޕްރިންޓްކޮށް ފޮނުވަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން، ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު ހަލުވިކަމާއެކު އައިޑީ ކާޑުގެ ޚިދުމަތް ލިބިގެންދާނެއެވެ. ޑީއެންއާރުން ވަނީ މިއަދު އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫގައިވެސް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފައެވެ. ފުވައްމުލަކާއެކު ރާއްޖޭގެ 26 ރަށެއްގައި މިހާރު މި ޚިދުމަތް ޤާއިމްކުރެވިފައިވެއެވެ. އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު