މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެންޑޯމެޓްރޯސިސްގެ ފަރުވާ އަށް އެއް މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ( އެންސްޕާ ) ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ މިދިޔަ ޖެނުއަރީން ފެށިގެން ޖޫންގެ ނިޔަލަށް 1 މިލިއަން ރުފިޔާ ހަރަދުކުރީ 14 މީހަކަށް ކަމަށެވެ. އެމީހުންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ފަރުވާ ހޯދަން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
"އެގޮތުން އަޅުގަނޑު ފާހަގަކޮށްލާނަން މިއަހަރުގެ ޖެނުއަރީން ޖޫންގެ ނިޔަލަށް އަޅުގަނޑުމެން 14 ފަރާތަކަށް އެއް މިލިއަން ރުފިޔާގެ އެހީތެރިކަން ވާނީ ފޯރުކޮށްދީފަ. ހާއްސަކޮށް މިފަރުވާގެ އެކިއެކި ކަންކަމަށް ވާނީ ހޭދަކުރެވިފައި'' ހީނާ ވަލީދު ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ އެންޑޯމެޓްރިއޯސިސް ގެ ފަރުވާ އަށް ބައެއް ފަރާތްތަކުން ބޭރުގެ އެކި އެކި ހޮސްޕިޓަލްތަކަށްވެސް ފަރުވާހޯދަންދާން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެންސްޕާގައި އޮންނަ އުސޫލުން އެކަމަށް ކަނދައެޅިފައިވާ އަދަދަށް ފައިސާ ދޫކުރާކަންވެސް ފާހަގަކުރެއްވިއެވެ.
އެންޑޯ އެޑްވޮކޭޓްސްގެ ފަރާތުން ވަނީ އައިޖީއެމްޗްގައި ގާއިމުކޮށްފައި ހުންނަ އެންޑޯމެޓްރިއޯސިސް ހާއްސަ ކްލިނިކްގައި ހާއްސަ ސްޕެޝަލިސްޓުން ނެތުމާއި، އިތުރު ފަރުވާއަށް ބޭރަށް ފޮނުވާ ހޮސްޕިޓަލުތަކުގައިވެސް އެބަލީގެ ސްޕެޝަލިސްޓުން ނެތުމުގެ ކަންބޑުވުން ފާޅުކޮށްފައެވެ.
އެއަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އައިމިނަތު ޒޭއިބާ އަހްމަދު ވިދާޅުވީ އެންޑޯމެޓްރިއޯސިސްގެ ސްޕެޝަލިސްޓުން ކިޔާ ދާއިރާއެއް ނޯންނާނެ ކަމަށާއި އެއީވެސް ގައިނީން ކަމަށެވެ. އަދި ބައެއް ގައިނީން އެންޑޯމެޓްރިއޯސިސްއަށް ހާއްސަ ޝައުގުވެރިކަމެއް ހުރުމުގެ ސަބަބުން ގިނަ މަސައްކަތްކޮށް ތަޖުރިބާ ހޯދަނީ ކަމަށެވެ. އަދި އެކި އެކި ތަމްރީން ދިނުމާއި އެކަމަށް ޚާއްޞަ ޑޮކްޓަރުން ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ތަމްރީން ދިނުމަށްވެސް ރާވާފައިވާ ކަމަށެވެ.އެގޮތުން އަންނަ މަހުވެސް ޓްރެއިނިންގެ އެއް ކުރިއަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާސަންދައިގެ ދަށުން އެންޑޯމެޓްރިއޯސިސްގެ ފަރުވާ ފޯރުކޮށްދޭން ފެށީ 2023ގައި ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައެވެ. އަދި އެފަރުވާ އަށް ޚާއްޞަ ކްލިނިކެއް އައިޖީއެމްއެޗްގައި ވަނީ ޤާއިމްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން