ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ޚިދުމަތުގައި ހިމެނޭ ރ. އަތޮޅުގެ ރޫޓުތަކުން މާދަމާއިން ފެށިގެން އަގުނަގަން ފަށާނެއެވެ. ވުމާއެކު، މިއަދަކީ މި ރޫޓުގައި އާރުޓީއެލް ދަތުރުތައް ހިލޭ ކުރެވޭނެ އެންމެ ފަހު ދުވަހެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެ ހައި ސްޕީދް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ރ. އަތޮޅުގެ ރޫޓުތަކުން ޖުލައި 3 އިން ފެށިގެން އަގުނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އަގު ނަގަން ހަމަޖެހިފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތަށް ކަމަށެވެ.
އެމްޓީސީސީން ވަނީ އަންގާރަ ދުވަހުން ފެށިގެން އާރުޓީއެލް ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ރ. އަތޮޅުގެ ރޫތުތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. ހަމަ އެހެންމެ، ހިލޭ ދަތުރު ކުރެވޭ މުއްދަތު ޖުލައި 2ގެ ނިޔަލަށް ހަމަވުމާއެކު، ރަށު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓައިލެވޭނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ވަނީ ކިޔުއާރު ޓިކެޓް ނަގާނެ ގޮތުގެ ވީޑިއޯ އާރުޓީއެލް ޔޫޓިއުބް ޗެނަލާއި މީސްމީޑިއާ މަންސަތަކުގައި ޝާއިޢުކޮށްފައެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވަނީ ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ދޭން ފެށުނު ކަމުގައިވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އެ ކުންފުނިން ވަނީ އާރުޓީއެލް ފެރީ ޚިދުމަތުގެ ތާވަލު އާރުޓީއެލް ވެބްސައިޓާއި ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ބުނެފައެވެ.
މި ލިޔުން ކިޔާލުމުން