Saturday, October 31
ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރައްވާ ޚާދިމުންނަކީ މުދައްރިސުން: އާދަމް ޝަރީފު ޢުމަރު
ދިވެހިރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރައްވާ ޚާދިމުންނަކީ މުދައްރިސުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މުދައްރިސުންނަށް ޓަކައި ޤައުމު ފަޚުރުވެރިވާކަމަށް ވިދާޅުވިއެވެ. އަދި މުދައްރިސުންނަށް ޓަކައި ދަރާފައިވާ ދަރަނި ވެސް އެހައިމެ ބޮޑު ކަމަށް ވިދާޅުވިއެވެ. "ދަރިވަރުންނަށް އުނގަންނައިދިނުމާއި، ތަރުބިއްޔަތު ކުރުމުގައި ދަރިވަރުންގެ އަމިއްލަ ނަފުސަށް އިތުބާރު ކުރާނެ ގޮތަކަށް އަބަދުވެސް ދަރިވަރުންނާ މުޢާމަލާތު ކުރުމަށް މުދައްރިސުން ސަމާލުވާންޖެހޭ. ދަރިވަރުންނަށް ދެވޭ ފީޑްބެކްގެ ސަބަބުން ނުވަތަ ދަރިވަރުންނަށް ދެވޭ ހިތްވަރުގެ ބަހަކުން އެ ދަރިވަރުގެ މުޅި މުސްތަޤުބަލު އުޖާލާކުރުވާނެ އަޒުމުތައް އެ ދަރިވަރުން އެކަށައަޅައި" މިނިސްޓަރ ވިދާޅުވިއެވެ. ރޭ ބޭއްވި ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ މުދައްރިސިކަށް ކުރެވޭ ކުޑަކުޑަ ކަމަކުން ނުވަތަ ބުނެލެވޭ ކަސިޔާރު ބަހަކުން ވެސް ދަރިވަރެއްގެ މުޅި މުސްތަޤުބަލު ޚަރާބުގެން ހިނގައިދާނެ ކަމަށެވެ. މީގެ އިތުރުން ކިޔަވާކުއްޖާގެ މުޅި މުސްތަޤުބަލު އޮންނާނީ މުދައްރިސްގެ ހަވާލުގައި ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތުއްތު ކުއްޖާ ރީތި ޔުނިފޯމެއް ލައްވާފައި، ސްކޫލަށް ފޮނުވަނީ ވަރަށް އިތުބާރާއެކު ކަމަށާ، އެއީ މަޑު ގޮދަން ފުށްގަނޑެއް ފަދަ، ބޭނުން ކޮންމެ ގޮތަކަށް ބައްޓަން ކުރެވިދާނެ ދިރިހުރި ޝަޚްޞެއް ކަމަށެވެ. ކުއްޖާ ކިޔެވުމަށް ޝައުޤުވެރިކުރުވުމާއި، އުފެއްދުންތެރި ވިސްނުމުގެ ބިނާކުރަނިވި ފިކުރުގެ ހަރުދަނާ މުވާތިނަކަށް ހެދުމުގެ އެންމެ ބޮޑު ޒިންމާއެއް އޮންނާނީ މުދައްރިސުންގެ ކޮނޑުގައި އެޅިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދަރިވަރު ދިރިއުޅެން ދަސްކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުއްލަވަން ޖެހިވަޑައިގަންނަވާ އެއް ފަރާތަކީ މުދައްރިސުން. އެ ޒިންމާއާއި އެ ބުރަ މަސްއޫލިއްޔަތު މުދައްރިސުން އަދާކުރައްވާކަމީ އުފާކުރާ ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.

ރޭ ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރީންނާއި، ހުރަވީ ސުކޫލުގެ ވެރީންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި ގިނަ ޢަދަދެއްގެ ކިޔަވާކުދިން ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު