އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް 8 މަހުގެ ކުޑަކުއްޖަކު ނިޔާވި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޞިއްޙީ ފަރުވާ ދިނުމާ ބެހޭގޮތުން ހުށަހެޅެ ކޮންމެ ޝަކުވާއަކީ އަދި ބަލިމީހުންގެ ފަރާތުން ކަންބޮޑުވުން އޮތްކަން އިނގޭ ކޮންމެ ހާދިސާއަކީވެސް އެ ހޮސްޕިޓަލުން ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ މައްސަލަތަކެއް ކަމަށެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުގައި ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން އައީ ގާތުން މޮނިޓަރކޮށް އެވަގުތު ދެވޭނެ ފަރުވާދީ ގުޅުން ހުރި ލޭގެއާއި އެހެނިހެން ތަހުލީލުތައް ކުރެވި އަދި ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ކަމަށެވެ.
"އަދި ރެކޯޑުތަކުން ދައްކާގޮތުން، އެ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައިވޭ"، ބަޔާނުގައި ވެއެވެ.
އައިޖީއެމްއެޗުން ބުނީ ފަރުވާ ދިނުމުގައި ހޮސްޕިޓަލުން ޢަމަލުކުރާ ގޮތަށް ބަލާއިރު އައިސީޔޫގެ ފަރުވާ ދޭންޖެހޭ ކަމަށް ޑޮކްޓަރުން ލަފާދީފިނަމަ، އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރާ ކަމަށާއި، ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ ހާލަތެއްގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫ އަށް ޓްރާންސްފަރ ކުރުމުގެ އިންތިޒާމު ހޮސްޕިޓަލުން ހަމަޖައްސައިދޭ ކަމަށެވެ.
އަދި ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށްވެސް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު އެހެން ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށްވެސް ގެއްލުން ވެދާނެ ފަދަ، އަދި ޞިއްޙީ ފަރުވާގައި ފުރާލާ ދެނެގަންނަން އުނދަގޫ ކަންކަން ކަމަށާއި، މިފަދަ ބައެއް ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ފަހަރުވެސް ދިމާވެދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"މިފަދަ ކޮންމެ ހާދިސާއެއް ދިމާވުމާ އެކު ހޮސްޕިޓަލުގެ އެތެރޭގެ ތަޙުޤީޤެއް ކުރެވި ޚިދުމަތާއި ފަރުވާ އިތުރަށް ރަނގަޅު ކުރެވިދާނެ ގޮތްތައް ދެނެގަނެވޭ. މި މައްސަލަވެސް މި ހޮސްޕިޓަލުން މި ގެންދަނީ އިތުރަށް ބަލަމުން. އަދި މައްސަލައެއް ބަލާ ބެލުމުގައި ހޮސްޕިޓަލުގައި ބަލިމީހުންނާއި ޢާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވި އެ ކަންކަން އިޞްލާޙު ކުރާ ކަމުގެ ޔަޤީންކަން މި ފުރުޞަތުގައި އަރުވަން"، އެ ބަޔާނުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން