ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނެޓްވިލާ، އާދަމް ޒަޔާން މުޙައްމަދު (26އ) ކަމަށާއި، އޭނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ، މި ޖޫން މަހުގެ 23 ވަނަ ދުވަހުގެ ހަވީރު، ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށެވެ. އެއީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި އެ މީހާއަށް ދަނީ ފަރުވާދެމުންނެވެ. އެ މީހާގެފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ދުއްވި މީހުންނަކީ ވެސް އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޖޫން 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އާދަމް ޒަޔާން މުޙައްމަދު (26އ) ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން