36 އެއާލައިން އަކާއެކު 45 ފަރާތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްއާ ގުޅޭ ހާއްސަ ޓުއާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޓުއާތަކަކީ އާ ޓާމިނަލްގެ ފެސިލިޓީތަކާއި އޮޕަރޭޝަންތަކަށް އެއާލައިންތަކުގެ މުވައްޒަފުން އަހުލުވެރިކޮށް، އެއްވެސް ބުރޫއެރުމެއް ނެތި ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ ޓުއާތަކެކެވެ. އަދި މިއީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން، ކޮންމެހެން ކުރިއަށްގެންދަންޖެހޭ ޓުއާތަކެކެވެ.
ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކާއި ޖެނެރަލް އޭވިއޭޝަން އެޖެންޓުންނާއި ސަރުކާރުގެ ކަމާބެހޭ އެޖެންސީތަކާއި ރިސޯޓް ރެޕުންނާއި ޓެކްސީ އޮޕަރޭޓަރުންނާއި ފެރީގެ ހިދުމަތް ދޭ ފަރާތްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށްވެސް މި ޓުއާތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
އެގޮތުން މިހާތަނަށް 36 އެއާލައިނަކަށާއި ހަތް ޖެނެރަލް އޭވިއޭޝަން އެޖެންޓުންނަށާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އިތުރުން އެމްއޭސީއެލްގެ ހާހަކަށްވުރެ ގިނަ މުވައްޒަފުންނަށް މި ޓުއާ ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިތުރު ތިން އެއާލައިނަކާއި ޖެނެރަލް އޭވިއޭޝަންގެ ދެ އެޖެންޓަކާއި، 10 ސްޓޭކްހޯލްޑަރުންނަށް މި ޓުއާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއެވެ.
އަންނަ ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ވަނީ ގާއިމްކޮށްފައެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް އާ ޓާމިނަލްގައި ގާއިމުކޮށްފައި ހުންނާނެއެވެ.
މި ކިއޮސްކް ތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
މި ލިޔުން ކިޔާލުމުން