ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި، އިރުމަތީގެ ސަރަޙައްދުތަކުގައި ފެންބޮޑުވެ، އެއް އާއިލާއެއްގެ 9 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ޚައިބަރު ޕަޚްތުންޚުވާ ސަރަޙައްދުގައި އޮންނަ ސްވާތު ކޯރު ކައިރީގައެވެ.
އެ ސަރަޙައްދުގެ އެޑްމިނިސްޓްރޭޓަރު ޝެހްޒާދު މަހުބޫބް ވިދާޅުވި ގޮތުގައި، މަރުވި 9 މީހުންނަކީ ހެނދުނުގެ ނާސްތާއަށް ކޯރު ކައިރިއަށް ދިޔަ 16 މެންބަރުންގެ އާއިލާއެއްގެ ބައެކެވެ. "އެ އާއިލާގެ ކުޑަކުދިންތައް ކޯރަށް އެރި، ފޮޓޯ ނަގަން އުޅެނިކޮށް، މޫސުން ގޯސްވެ، ކޯރު ބަންޑުންވެގެން ދިޔައީ. އެ ކުދިން ސަލާމަތް ކުރަން ދިޔަ ބޮޑެތި މީހުން ވެސް ފެންގަނޑުގައި ތާށިވެގެން ދިޔަ،" މަހުބޫބް ވިދާޅުވިއެވެ.
އިމަޖެންސީ ސަރވިސްގެ ތަރުޖަމާނު ޝާޙް ފަހުދު ވިދާޅުވި ގޮތުގައި، 100 އެއްހާ ސަލާމަތީ މުވައްޒަފުން މަސައްކަތް ކޮށްގެން 58 މީހުން ވަނީ ސަލާމަތްކޮށްފައެވެ. އަދި އިތުރު ފަތުރުވެރިންތަކެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ސަރަޙައްދަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނަކަށް ވެފައި، ކޯރު ބަންޑުންވެދާނެ ކަމުގެ އިންޒާރު ސަރުކާރުން ކުރިން ވެސް ދީފައިވާ ކަމަށް ފަހުދު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެޙްބާޒް ޝަރީފް ވަނީ ހިތާމަ ފާޅުކުރައްވައި، ކޯރުތައް ކައިރީގައި ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވައިފައެވެ. މި ހަފްތާ ފެށުނީއްސުރެ ޕާކިސްތާނުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ހައިވޭތައް ބަންދުވެ، ގިނަ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ޕާކިސްތާނުގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނާ ގޮތުގައި، 2022 ވަނަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ވިއްސާރަ މޫސުމުގައި ވިއްސާރައިގެ އަސަރު ކުޑަވާނެއެވެ. 2022 ވަނަ އަހަރު ކުރި ވިއްސާރައިގައި، ކޯރުތައް ބަންޑުންވެ، 1،739 މީހުން މަރުވިއެވެ. ނަމަވެސް ފެށޭ ހަފްތާގައި ވެސް ޕާކިސްތާނުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން