Saturday, October 31
މެލޭޝިއާގައި ތިބި ދިވެހި ދަރިވަރުންނަށް ބުރަ އުފުލަން ނުޖެހޭގޮތަށް ސަރުކާރުން ކަންކަން ހަމަޖައްސާނެ: ވަޒީރު ހައިދަރު

މެލޭޝިއާގައި ތަޢުލީމު ހާސިލުކުރަމުންދާ ބޭރުގެ ދަރިވަރުންގެ އަތުން އަންނަ މަހުން ފެށިގެން ޓެކްސް ނެގުމަށް އެ ޤައުމުން ނިންމުމާ ގުޅިގެން، އެކަމުގައި ދިވެހި ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ސޭލްސް އެންޑް ސަރވިސް ޓެކްސްގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ޖުލައި 1 އިން ފެށިގެން އެ ޤައުމުގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން 6 ޕަސެންޓްގެ ޓެކުހެއް ނެގުމަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

މިނިސްޓަރ ހައިދަރު ފާހަގަކުރެއްވި ގޮތުގައި މި ނިންމުން ތަންފީޒުކުރުމަށް މެލޭޝިއާ ސަރުކާރުން ދީފައިވަނީ ހަފުތާއެއްހާ ދުވަހުގެ ކުރު މުއްދަތެކެވެ. އަދި މިކަން އަދިވެސް ރަސްމީކޮށް އަންގާފައި ނުވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިކަމުގައި އެކަށީގެންވާ ވަގުތު ލިބިފައި ނުވިނަމަވެސް، މިހާރު މިކަން ވަނީ ސަރުކާރުގެ ސަމާލުކަމަށް އައިސްފައި. އަޅުގަނޑުމެން މިހާރު މިކަން ވަރަށް ގާތުން ބަލަމުން މި ގެންދަނީ،" މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުންދާތީ، ސަރުކާރުގެ ސްކޮލަޝިޕް އަދި ލޯނު އެހީގައި ކިޔަވާ ދަރިވަރުންގެ އިތުރުން އަމިއްލަ ޚަރަދުގައި ކިޔަވާ ދަރިވަރުންނަށް ވެސް މިކަމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު