Saturday, October 31
އެޗްޕީއެސްއެން ގައި ތިބޭ މީހުންނަށް ހުނަރު ދަސްކޮށްދީ މުޖުތަމައަށް ނެރުމަށް ނިންމައިފި

ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު(އެޗްޕީއެސްއެން) ގައި ތިއްބެވި ފަރާތްތަކަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތާއި ތަފާތު ހުނަރު ދަސްކޮށްދިނުމާއެކު މުޖުތަމައުއަށް އަނބުރާ ގެންދިއުމަށް ބާރުވެރިކުރުމުގެ މަސައްކަތް އަލުން އާ ޖޯޝަކާއެކު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އާމިނަތު ޝިރުނާ މިހެން ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 49 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުން ދައްކަވަމުންނެވެ.

"މި މަރުކަޒުގެ ހާލަތު ބަދަލުކޮށް މިތަނުން ފަރުވާ ހޯދާ ފަރާތްތަކަކީ މުޖުތަމައުގައި ބަލައިގަންނާނެ ފަރާތްތަކެއް ކަމަށް ވުމަށް އަޅުގަނޑުމެންގެ ވިސްނުން އެގޮތަށް ބަދަލުކޮށް އެވިސްނުމާއި އެކު ޚިދުމަތް ދިނުމަށް އަޒުމް ކަނޑައަޅަމާ." ޝިރުނާ ވިދާޅުވިއެވެ.

އަދި ވެތުވެދިޔަ 49 އަހަރު ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރައްވާ ފަރާތްތަކުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި މީހެއްގެ ޤާބިލިއްޔަތަށް ބެލުމެއްނެތި، އިންސާނީ ކަރާމާތާއި ޢިއްޒަތާއި، ލޯތްބާއެކު މަސައްކަތްކުރައްވަމުންދާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

‏މީގެ އިތުރުން މި ހަފްލާގައި މުވައްޒަފުންނާއި މަރުކަޒުން ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށް ބޭއްވުނު އެކި މުބާރާތްތަކުގެ ނަތީޖާ އިއުލާނުކޮށް މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ހަނދަނީ ފިލާ އަރުވާފައެވެ.

ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، 6 ޖޫން 1976ގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ހިޔާވަހިކަން ދިނުމަށް ގާއިމްކުރެވިފައިވާ މަރުކަޒަކެވެ.

ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ނުވަތަ "ހޯމް ފޯ ޕީޕަލް ވިތް ސްޕެޝަލް ނީޑްސް" މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެކި ކަހަލަ ނަފްސާނީ ބަލިހުންނަ ފަރާތްތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް އެފަރާތްތަކުގެ "ހޯމްއެއްގެ ގޮތު ގައި" ނުވަތަ "އަމިއްލަ ގެ"ކަމުގައި ދެކެމުން އަންނަ މަރުކަޒެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު