މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކުރާ 4000 ފްލެޓުތައް ރަޖިސްޓްރީކޮށްދޭނީ 25 އަހަރުގެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށް އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވަޒީރު މުއްތަލިބު ވިދާޅުވި ގޮތުގައި، މި ގޮތަށް އުސޫލު ބަދަލުކުރީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާތީއެވެ. މިގޮތަށް ހަމަޖެއްސުމުން ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރަން ތައްޔާރުވަމުންދާ ގެދޮރުވެރިކަމުގެ ބިލުން ވެސް މި މައްސަލައަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ކުލި ނުދައްކާ ފަރާތްތަކާ މެދު ކޯޓު މަރުހަލާއަށް ދިއުމަކާ ނުލައި ފިޔަވަޅު އެޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ތެރެއިން 5،099 ފްލެޓަކުން ކުލި ނުދައްކާ ކަމަށް ވެއެވެ. ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާ ކަމަށް ވަޒީރު މުއްތަލިބު ފާހަގަކުރެއްވިއެވެ.
ވަޒީރު މުއްތަލިބު ވިދާޅުވި ގޮތުގައި، 4،000 ފްލެޓުގެ މަޝްރޫޢުގެ 90 ޕަސެންޓުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާތަނަށް 1،000 ފްލެޓް ވަނީ ނިމިފައެވެ. ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށް ވަޒީރު މުއްތަލިބު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން