ހުޅުމާލޭ ހޮސްޕިޓަލުގެ ކަރަންޓު ވިއުގައަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ޚިދުމަތް ދޭން ފަށައިފިއެވެ.
އެ ހޮސްޕިޓަލުން ބުނީ ކުރިއެކޭވެސް އެއްގޮތަށް އެ ހޮސްޕިޓަލުން މިހާރު ޚިދުމަތް ދެމުންގެންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ހޮސްޕިޓަލުގެ ޚިދުމަތްތައް އާންމު ހާލަތަށް ގެނައުމުގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ސްޓެލްކޯ، އެމްއެންޑީއެފް އަދި އެކި ގޮތްގޮތުން އެހީތެރިކަން ދެއްވި އެންމެހައި ފަރާތްތަކަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މެއިން އިލެކްޓްރިކް ޕެނަލަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ޚިދުމަތް ހިޔާ ފުލެޓު 16 ގައި ޤާއިމްކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކުރިކަން އެ ހޮސްޕިޓަލުން ހާމަކޮށްފައިވަނީ މިއަދު ފަތިހު 04:10 ގައެވެ.
މީގެ އިތުރުން އިންޕޭޝަންޓް ޚިދުމަތްތަކަށްވެސް ބުރުއެރުމާއެކު، އެންއައިސީޔޫ އަދި އައިސީޔޫގައި ތިބި ބަލިމީހުން އައިޖީއެމްއެޗްއަށް ވަނީ ބަދަލުކޮށްފައެވެ. އަދި ބާއްވައިގެން ފަރުވާ ދެމުންދިޔަ އެހެން ފަރާތްތައް އެ ހޮސްޕިޓަލުގެ ދަށުން ހިންގަމުންދާ އެހެން ބައެއް އިމާރާތްތަކަށް ބަދަލުކުރެވުނެވެ.
ކަރަންޓު މައްސަލަ ހައްލުކޮށް ޚިދުމަތް އަލުން ފަށާފައިވާކަން އެ ހޮސްޕިޓަލުން އަންގާފައިވަނީ މިއަދު 12:01 ގައެވެ.
މި ލިޔުން ކިޔާލުމުން