Saturday, October 31
ބ. އޭދަފުށީ ނަސްރުﷲގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަނީ

ބ. އަތޮޅު ދޮންފަނާއި، ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައިވާ އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަހުމަދުގެ މައްޗަށް މާދަމާ ހުކުރު ނަމާދަށްފަހު އޭދަފުށީގައި ޣައިބުގައި ކަށުނަމާދު ކުރުމަށް ނިންމައިފި އެވެ. ނަސްރުﷲ ނިޔާވި ކަމަށް ކޯޓުން މިދިޔަ އޭޕްރީލް މަހު ނިންމާފައިވާއިރު، އާއިލާގެ އެދުމަށް މިކަން އިންތިޒާމުކުރަނީ އޭދަފުށީ ކައުންސިލުންނެވެ.

އޭދަފުށީ ކައުންސިލުން ބުނީ ނަސްރުﷲ ނިޔާވި ކަމަށް މިދިޔަ އޭޕްރީލް މަހު ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އާއިލާގެ އެދުމުގެ މަތިން އިސްލާމިކް މިނިސްޓްރީއާ ވާހަކަދައްކައިގެން ޣައިބުގައި ކަށުނަމާދު ކުރުމުގެ ހުއްދަ މިހާރު ކައުންސިލުން ހޯދާފައިވާ ކަމަށް ފާތިހު ވިދާޅުވި އެވެ.

އެހެންކަމުން މާދަމާ ހުކުރު ނަމާދަށްފަހު އޭދަފުށީގައި ހުންނަ ތިން މިސްކިތެއްގައި ކަށު ނަމާދު ކުރުމަށް ވަނީ ނިންމާފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ 2020 ވަނަ އަހަރުގައެވެ. ނަސްރުﷲ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ރޮބޮޓް ބޭނުންކޮށްގެންނާއި ވައިގެ މަގުން ކޮށްފައިވާއިރު، އޭނާ ދަތުރުކުރި ޑިންގީގެ ބައެއް ދޮންފަނާއި، ހަނިފަރާ ދެމެދު ކަނޑުގެ 40 މީޓަރު އަޑިން ވަނީ ފެނިފައެވެ.

ނަމަވެސް ނަސްރުﷲގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ. މި ހާދިސާ ހިނގިއިރު ނަސްރުﷲ އިނީ ޑިންގީގެ ފަހަތުކޮޅުގައި ކަމަށް ވެއެވެ. މި ހާދިސާގައި ލޯންޗުގެ ކައްޕިއަށްވެސް އަނިޔާތަކެއް ލިބުނުއިރު ފަޅުވެރިއަކަށް ހުރި ބިދޭސީ މީހަކަށްވެސް ވަނީ އަނިޔާލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު