Saturday, October 31
ވީއައިއޭގެ އައު އާ ޓާމިނަލް ހުޅުވުމުގެ ކުރިން "އޮރާޓު" ގެ 6 މަރުހަލާ ފުރިހަމަ ކުރަން ޖެހޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެއާޕޯޓުގެ ފެސިލިޓީތައް އޮޕަރޭޓްކުރުމަށް ކަނޑައަޅާފައިވާ ވެލިޑޭޝަން ބްރިޖް "އޮރާޓު"ގެ ހަ މަރުހަލާ ފުރިހަމަ ކުރަންޖެހޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއޭސީއެލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން އަންނަ ޖުލައި 26 ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އޮރާޓަކީ އެއާޕޯޓެއް ނުވަތަ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި ޕްރޮސީޖަރުތައް ތައްޔާރުކޮށް، އިކުއިޕްމަންޓާއި މެޝިނަރީސް ޓެސްޓުކޮށް، އިންސާނީ ވަސީލަތްތައް ތަމްރީނުކުރުމަށް ކަނޑައެޅިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ސިވިލް އޭވިއޭޝަން އޮތޯރިޓީ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަންގެ މިންގަނޑުތަކަށް ފެތޭގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަންޖެހެއެވެ.

އޮރާޓުގެ މަސައްކަތްތައް ހަ މަރުހަލާއަކަށް ބަހާލެވިފައިވާއިރު، ފުރަތަމަ މަރުހަލާގައި އޮޕަރޭޝަނަށް ކަންކަން ރާވާލުމާއި ތައްޔާރުވުމުގެ މަސައްކަތްތައް ހިމެނެއެވެ. ދެވަނަ މަރުހަލާގައި، ދެހާހެއްހާ މީހުން ބައިވެރިކޮށްގެން ޓާމިނަލްގެ އޮޕަރޭޝަނަލް މޮކަޕެއް ހަދައި، އެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ތަމްސީލުކުރެވޭނެއެވެ.

ތިންވަނަ މަރުހަލާގައި، މުވައްޒަފުންނަށް ސިސްޓަމްތަކާއި އިކުއިޕްމަންޓު ބޭނުންކުރާނެ ގޮތްތަކުގެ ތަމްރީނު ދެވި، އިމަރޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ޑްރިލްތައް ކުރިއަށް ގެންދެވޭނެއެވެ. އެންމެ ފަހު މަރުހަލާގައި، ރޭވުންތެރިކަމާއެކު ފަހަރަކު އެއް އެއާލައިންގެ އިންޓަނޭޝަނަލް އޮޕަރޭޝަން އައު ޓާމިނަލަށް ބަދަލުކުރެވޭނެއެވެ.

އެމްއޭސީއެލުން ފާހަގަކުރާ ގޮތުގައި އޮރާޓުގެ ސަބަބުން އާ ޓާމިނަލް ހުޅުވުމުގެ ކުރިން ދިމާވެދާނެ އޮޅުންބޮޅުންތަކާއި ހާލަތު ގޯސްވުންތަކުން ފަސިންޖަރުންނާއި މުވައްޒަފުން ސަލާމަތްކުރެވި، ރައްކާތެރިކަމާއެކު ހިދުމަތުގެ ފެންވަރު ކަށަވަރުކޮށް، ފަސިންޖަރުންނާއި ސްޓޭކްހޯލްޑަރުންގެ ހިތްހަމަޖެހުން ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު