މޯލްޑިވްސް ފުޑް ކާނިވަލުގައި ކުރިއަށްގެންދާ ލިވަޕޫލް ފޭން ޒޯންގައި، ނެދަލެންޑްސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލިވަޕޫލް އެފްސީގެ ލެޖެންޑް ޑާރކް ކައިޓް ބައިވެރިވެއްޖެއެވެ. މި ހާއްސަ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭ ސެންޓްރަލްޕާކުގައެވެ.
ކައިޓް މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، ލިވަޕޫލްގެ ފޭނުންނާއެކު ފޮޓޯ ނެގުމާއި، ޖޯޒީގައި ސޮއިކުރުންފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އިވެންޓުގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ކައިޓް ބުނީ މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރުކަމަށާއި، ރާއްޖޭން އޭނާއަށް ކީ މަރްހަބާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ރާއްޖޭގައި ލިވަޕޫލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބުމަކީ އުފާވާ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން އެލްއެފްސީ އާއި ވިޒިޓް މޯލްޑިވްސް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލް ކުރެވޭނެ ކަމަށް ކައިޓް ބުންޏެވެ.
ކައިޓަކީ 2012 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލުގައި ލަނޑެއް ޖަހާ، ލިވަޕޫލް އެފްސީއަށް ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އޭނާއަކީ ލިވަޕޫލް އެފްސީ، ފެޔެނޫޑް އަދި ފެނެބާޗޭ ފަދަ މަޝްހޫރު ކުލަބްތަކަށް ކުޅެފައިވާ ފޯވާޑެކެވެ. ކައިޓްވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ. އަދި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސްއިން ހޯދި ކާމިޔާބީގައި ވެސް މުހިންމު ދައުރެއް އަދާކުރިއެވެ.
780،000 އަށް ވުރެ ގިނަ އިންސްޓަގްރާމް ފޮލޯވަރުން ތިބި ކައިޓްގެ މި ދަތުރުގެ ސަބަބުން ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެެެއެވެ.
ހުޅުމާލޭ ސެންޓްރަލްޕާކްގައި ކުރިއަށްދާ ފުޓް ކާނިވަލުގައި ގާއިމުކޮށްފައިވާ ފޭން ޒޯންގައި މިރޭވެސް ކައިޓް އާއިއެކު ފޮޓޯ ނެގުމާއި، އޮޓޯގްރާފް ހޯދުމާއި، އޭނާއާއި ބައްދަލުކުރުމުގެ ފުރުސަތު އޮންނާނެއެވެ
މި ލިޔުން ކިޔާލުމުން