Saturday, October 31
އައްޑޫ ސިޓީގައި ހާލު ކިހިނެއް ޕްރޮގްރާމު ފަށައިފި

ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ހާލު ކިހިނެތް" ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގެ ދަށުން، ހިތަދޫގެ ގޭގެއަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ބޭފުޅުން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ޕްރޮގްރާމް ފެށުނުތާ އެއް އަހަރު ވެފައިވާއިރު، މިހާތަނަށް ރާއްޖޭގެ 12،128 އަށް ވުރެ ގިނަ ގޭބީސީއަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ބޭފުޅުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ "ރައްޔިތުންގެ ހާލުއަހުވާލު ދެނެގަންނަން ގޭގެޔަށް ޒިޔާރަތްކޮށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަންކަން އިސްލާހުކުރުމަށް އަވަސް ފިޔަވަޅުތައް އަޅަމުން ގެންދާނެ" ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އާބާދީގައި ތިބި 65 އަހަރުން މަތީގެ އެންމެހާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު އަދާހަމަކޮށް އެއްތަނަކުން ޓްރެކްކޮށް ބެހެއްޓޭނެ ނިޒާމެއް މިހާރު ވާނީ ގާއިމުކުރެވިފައި ކަމަށެވެ.

"ހާލު ކިހިނެތް" ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބަލައި ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު