އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކް) އިން ހަވާލުވެގެން ކުރިއަށްގެންދާ ކ. ހުރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ޖެޓީ ހެދުމުގެ މަސައްކަތެވެ.
އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، މި ބޮޑު މަޝްރޫއުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. އެގޮތުން،
- 26,453 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި،
- 40,111 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި،
- 5,445 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތާއި
- 86 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި،
- 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި،
- 317 މީޓަރުގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމާއި،
- 370 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
ބަނދަރުގެ ޚިދުމަތްތައް ފުރިހަމަކުރުމުގެ ގޮތުން، މޫރިންގް ބޮއީސް ހަރުކުރުމާއި، 105 މީޓަރު ދިގު 4 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 20 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. ބަނދަރުގައި ބައްތި ހަރުކުރުމާއި، 1,795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި 62.78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި ލިޔުން ކިޔާލުމުން