ހއ. ހޯރަފުށީ އެތެރޭ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯރަފުއްޓަކީ އިޤުތިޥާދީ، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީގެ އެކި ކަހަލަ މަޝްރޫޢުތަކުގައި ބޭނުންކުރުމަށް ގިނަ އަދަދެއްގެ ބަރު ވެހިކަލްތަކާއި، ލޮރީ، ޕިކަޕު އަދި ކާރު ފަދަ އެއްގަމު އުޅަނދުފަހަރު ހަރަކާތްތެރިވާ ރަށެއްކަމުން، ރަނގަޅު ފެންވަރުގެ މަގުތަކެއް ހެދިފައި އޮތުމަކީވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެ ރަށު ރައްޔިތުން ދެކޭ ކަމަށެވެ.
އެމްޓީސީސީން ބުނީ ފޭސް 1 ގެ ދަސުން ހޯރަފުށީ މަގު ހެދުމުގެ ކުރިން، އެ ރަށުގެ ރައްޔިތުންނާއި ރަށުގެ އެއާޕޯތު ބޭނުންކުރުމަށާއި، އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތައްވެސް އެންމެ ދަތިވާ ކަމަކަށް ފާހަގަކުރާ އެއް ކަމަކީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުން ކަމަށެވެ.
"ވިއްސާރަ ވެއްޖެނަމަ ފެން ރަނގަޅަށް ނުހިނދި އެތައް ދަތިތަކާއި ގެއްލުމާ ކުރިމަތިލާންޖެހޭ. މީގެ އިތުރުން މަގުތަކުގައި ހުރަފުހުގެ އުނދަގޫވެސް އެހާމެ ބޮޑުކަމަށް ރައްޔިތުން ފާހަގަކުރޭ"، އެ ބަޔާނުގައި ވެއެވެ.
އެހެންނަމަވެސް، ފޭސް 1 ގެ ދަށުން ހޯރަފުށީ މަގު ހެދުމުގެ ސަބަބުން ރައްޔިތުންގެ މި ޝަކުވާތަކަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށާއި، ފޭސް 2 ގެ ދަށުން ހޯރަފުށި އެތެރޭގެ މަގުތައް ހެދުމާއެކު މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ހާމަކުރާ ގޮތުގައި މި މަޝްރޫޢުގެ ދަސުން ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމާއި، މަގުގެ ދުވާރުގެ މަސައްކަތާއި، ގްރީން އޭރިއާގެ މަސައްކަތާއި، ކޭބަލް ޖަންކްޝަން އަދި ސަރވިސް ލައިން ވަޅުލުމާއި، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝަން ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 30.46 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި ލިޔުން ކިޔާލުމުން