ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު، އެ ސިޓީގެ މޭޔަރު ސަޢުދު ޢަލީ 3 މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ އެއް މަސް ދުވަހަށް މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ސަސްޕެންޑް ކުރުމަށް ނިންމައިފިއެވެ.
އެލްޖީއޭގެ އިންކުއަރީގައި ޖުމްލަ 19 މައްސަލައެއް ބަލާފައިވެއެވެ.
މީގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގެ ސިޓީތަކަށް ޖަވާބު ނުދިނުމާއި، ރައްވެހިކަން ބަދަލުކުރުމަށް ނުޤާނޫނީ ފީއެއް ނެގުމާއި، އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުމާއި، މާލީ ވުޒާރާގެ ހުއްދަނެތި އެލަވަންސް ދިނުމާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގަށް އެއްބާރުލުން ނުދިނުން ފަދަ މައްސަލަތައް ހިމެނެއެވެ.
މީގެއިތުރުން، ހައުސިންގ މިނިސްޓްރީގެ މަޝްވަރާ ނެތި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލުމާއި، މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ އަމިއްލަ ވިޔަފާރި އެކައުންޓަށް ޖަމާކުރުމާއި، ސިޓީ ކައުންސިލެއް އުފެދިފައި ނުވަނީސް ސިޓީ ކައުންސިލެއްގެ މުސާރައާއި އިނާޔަތް ނެގުން ފަދަ މައްސަލަތައްވެސް ފާހަގަކުރެވިފައިވާކަމަށް އެލްޖީއޭއިން ބުނެއެވެ.
އެލްޖީއޭއިން ވަނީ ކައުންސިލްގެ އެހެން މެންބަރުންނަށްވެސް ފިޔަވަޅު އަޅާފައެވެ. މިގޮތުން އަހުމަދު ވަހީދު، އާމިނަތު ނަސީމާ، އަޙްމީމާ އަޙްމަދު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަނަށް ނަސޭހަތްތެރިވެ، އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް އަންގާފައިވެއެވެ.
އަދި ކައުންސިލް މެންބަރު މުޙައްމަދު ޒަލީފު ޢަބްދުﷲ ގެ ސާބިތު ދަރަނީގެ މައްސަލައާ ގުޅިގެން، ކައުންސިލް މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމް ސިފައެއް އުނިވެފައިވާކަމަށް ކަނޑައަޅައިފިނަމަ، އެކަން ޤާނޫނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން