Saturday, October 31
ސްޓެލްކޯގެ މުވައްޒަފުންނަކީ ގޮންޖެހުންތަކުން އަރައިގަތުމުގެ ހާއްސަ ސިފައެއް ލިބިފައިވާ ބައެއް: ފަހުމީ

ސްޓެލްކޯގެ މުވައްޒަފުންނަކީ ކަންކަމަށް ގާބިލު އަދި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ހާއްސަ ސިފައެއް ލިބިފައިވާ ބައެއް ކަމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އިންހައުސް ޓްރެއިނާސް ޕޫލް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވަނީ، ގޮންޖެހުންތަކުން އަރައިގަތުމުގެ ސިފައަކީ ސްޓެލްކޯގެ މުވައްޒަފުންނަށް ލިބިގެންވާ ހާއްސަ ސިފައެއް ކަމަށް ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުންނަށް ލިބިގެންވާ ހާއްސަ ސިފައެއް ގޮންޖެހުން އަރައިގަތުމުގެ ސިފަ. ގޮންޖެހުމަކާ ދިމާވީމާ އެ ގޮންޖެހުމަކުން އަރައިގަތުމުގެ ސިފަ. އެއީ ކަރަންޓު ކެނޑުން ކަމުގައިވިޔަސް އިންޖީނަށް ކަމެއް ދިމާވި ކަމުގައިވިޔަސް އަދި ފެނުގެ ކާރިސާ ހިނގި ކަމުގައި ވިޔަސް އަދި ގައުމަށް ނިކަމެތި ކަމެއް ދިމާވެ ބަޖެޓުގެ ތާށިކަމެއް ދިމާވެ ހަރަދު ކުޑަކުރަން ޖެހުނަސް. އެކަން މިއަދު ފެނިގެން މިދަނީ." ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންދާ ގައުމީ ހިދުމްތަ މެދުނުކެނޑި ދެވޭނީ މުވައްޒަފުން އެކަތިގަނޑަކަށް ހަދައި، ޓްރެއިންކޮށްގެން ކަމަށް ވިދާޅުވަމުން، މި ޓްރެއިން ޕްރޮގްރާމުގެ އެންމެ ބޮޑު މަގްސަދަކީ އެއީ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބަޖެޓު ތަންނުދިނަސް އިންހައުސްކޮށް މިފަދަ ޕްރޮގްރާމްތައް ފެށުމަކީ ހަރަދު ކުޑަކޮށް، މުވައްޒަފުންނަށް މާ ރަނގަޅު ތަމްރީނުތަކެއް ދެވޭނެ ގޮތެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެހެންވީމާ އަޅުގަނޑު މި ދެންނެވީ މިފަދަ ގޮންޖެހުމެއް ދިމާވީމާ ދެން އަޅުގަނޑުމެން މި ނިންމީ ގޮންޖެހުމުން އަރައިގަންނަން. އަރައިގަނެގެން އަޅުގަނޑުމެން އެއަށްވުރެ އެފީޝިއަންޓުކޮށް އެއަށްވުރެ ރަނގަޅަށް މިކަންތައް ކުރަން." ފަހުމީ އިތުރަށް ވިދާޅުވިއެވެ.

ސްޓެލްކޯ އިންހައުސް ޓްރެއިނާސް ޕޫލް މިއަދު އިފްތިތާހުކޮށްފައިވާއިރު، މި ފޯރަމްގެ ދަށުން 35 މުވައްޒަފަކަށް ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސަންސް ވަނީ ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު