މި އަހަރުގެ އދ. ގެ ޕަބްލިކް ސާވިސް ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހެޔޮ ވެރިކަމެއް ކުރުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވައި ދެއްވި ތަހުނިޔާއަށް، އދ. އިން މަރުޙަބާ ކިޔައިފިއެވެ. މިކަން އދ. އިން ހާމަކޮށްފައިވަނީ އެ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައެވެ.
އދ. އިން ފާހަގަކުރާ ޕަބްލިކް ސާވިސް ދުވަހާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕަބްލިކް ސާވަންޓުންނަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މިފަދަ މުވައްޒަފުން މުހިންމު ދައުރެއް އަދާކުރާ ބަޔެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ޤައުމުގެ ކުރިއެރުމާއި ހެވާއި ލާބައަށް ދައުލަތުގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށާއި އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
https://twitter.com/UNMaldives/status/1937485524379533646?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1937485524379533646%7Ctwgr%5Ed7431f8a390c9890b16dcb3ec18cd407f8ef7f67%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1256018%2F
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓާއި ގުޅިގެން އދ. އިން ހިއްސާކުރި ޕޯސްޓެެއްގައި ބުނީ ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުން ހިތްވަރާއެކު ޤައުމަށް ކުރައްވަމުން ގެންދާ ޚިދުމަތް ފާހަގަކުރާ ކަމަށެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުން އަދާ ކުރަމުންދާ ދައުރަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި ކުރެއްވުމަށް މަރުޙަބާ ކިޔާކަމަށް އދ. އިން ބުނެފައިވެއެވެ.
އދ. ގެ ޕަބްލިކް ސާވިސް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ޕަބްލިކް ސާވަންޓުން ކުރައްވާ މަސައްކަތް ދެނެގަނެ، އެމީހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރުމެވެ. މީގެ އިތުރުން، ޤައުމީ ތަރައްޤީއަށް ދައުލަތުގެ ޚިދުމަތްތެރިންގެ ހިއްސާ ދެނެގަނެ، ޒުވާނުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު މަޤްސަދެކެވެ.






