Saturday, October 31
ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙު ކޮށްފި

ސްޓެލްކޯގެ މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގ ދިނުމުގެ މަސައްކަތެއް ކަމަށްވާ ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް މިއަދު ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. މި ޕޫލް އިފްތިތާޙުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. މިއީ ކުންފުނީގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ސްޓެލްކޯއިން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، މި ޕޫލްގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި ހުރި ހުނަރާއި ތަޖުރިބާ ފައިދާހުރި ގޮތެއްގައި ބޭނުންކޮށް، މުވައްޒަފުންނަށް ބޭނުންވާ ޢިލްމާއި ހުނަރު އެންމެ ގާތުން ފޯރުކޮށްދިނުމެވެ. މި މަސައްކަތުގެ ދަށުން، މުވައްޒަފުންގެ ތެރޭގައި ހުރި ހުނަރު ދެނެގަނެ، އެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް ކުންފުނީގެ ތެރެއިން ތަމްރީނު ދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް ސްޓެލްކޯއިން ފާހަގަކުރިއެވެ.

މި އިފްތިތާޙީ ރަސްމިއްޔާތުގައި ސްޓެލްކޯގެ 35 މުވައްޒަފަކަށް ވަނީ "ޓްރެއިން ދަ ޓްރެއިނަރ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކުރުމަށްފަހު، ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ދޫކޮށްފައެވެ. މީގެ އިތުރުން، ސްޓެލްކޯ ޓްރެއިނަރސް ޕޫލްއިން ކުރިއަށް ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގތަކުގެ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތެއް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފައެވެ.

މި ޕޫލްގައި މިވަގުތު 35 މުވައްޒަފުން ހިމެނޭއިރު، މީގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަށް ޚާއްސަ މުވައްޒަފުން ހިމެނެއެވެ.

ސްޓެލްކޯއިން ހާމަކުރެއްވި ގޮތުގައި، މި ޕޫލް އިތުރަށް ތަރައްޤީކޮށް، ކުރިއަށް އޮތް ތާނގައި ބައިނަލްއަޤުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމާއި، ކުންފުނީގެ ކިބައިން ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ކުރާ މަސައްކަތެއް ކަމަށް މެނޭޖިންގ ޑިރެކްޓަރ ފަހުމީ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު