Saturday, October 31
އީރާނާއި އިޒްރޭލުގެ ހަނގުރާމައަށްވުރެ އެމްޑީޕީއިން ގައުމަށް ލިބޭ ގެއްލުން ބޮޑު: ފަލާހު

އީރާނާއި އިޒްރޭލު ދެމެދު ހިނގަމުންދާ ހަނގުރާމައަށް ވުރެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

މި ވާހަކަ ފަލާހު ދެއްކެވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އީރާނު-އިޒްރޭލު ހަނގުރާމައާ ގުޅޭ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެމްޑީޕީއަކީ މި ރާއްޖޭގައި އޮތް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ. އެމްޑީޕީއަކީ އެންމެ ގިނައިން ދައުލަތުން އާމްދަނީ ވެސް ލިބޭ ޕާޓީ އަދި އެ ފައިސާއަށް ވާ ގޮތެއް ނޭނގުނަސް. އެހެންނަމަވެސް ހިތާމައެއް އެބައޮތް އިއްޒަތްތެރި ރައީސް. ހިތާމައަކީ މި ހަނގުރާމައަށްވުރެ، މި ގައުމަށް އެމްޑީޕީގެ ފަރާތުން ލިބޭ ގެއްލުން ބޮޑުކަން،" ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޔޫރަޕްގެ ގައުމުތަކަށް ވަޑައިގެން، ރާއްޖޭގެ ޓޫރިޒަމް "ބޮއިކޮޓް" ކުރުމަށް ގޮވާލާފައިވާކަން ތާރީހުން ވެސް ފެންނާން އޮތްކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި ހަނގުރާމައިގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން އެދުނު ނަމަވެސް، ސަރުކާރުން މިހާރުވެސް ދަނީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް ގައުމަށް ގެއްލުންވެ ދަތި ނުވާނެ ގޮތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކަން ބައްޓަންކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ފަލާހު ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު