މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ނޫވިލު ސީޕްލޭން ޓާމިނަލްގެ ބިޒްނަސް ލައުންޖުގައެވެ.
މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. ރާއްޖޭގެ 27 ނޫހަކުން ބައިވެރިވި މި ބައްދަލުވުމަށްފަހު، އެމް.އޭ.ސީ.އެލްގެ އިސްވެރިން ވަނީ ނޫސްވެރިންނާއެކު އެކުވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށް، ވަކިވަކި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
މި ބައްދަލުވުން ބޭއްވުމުގެ ކުރިން ރޭގައި، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވަނީ ވީ.އައި.އޭގެ އައު ޕެސެންޖަރ ޓާމިނަލަށް ފެން ފޯރުކޮށްދިނުމަށް ގާއިމުކުރި ޕައިޕްލައިން ސިސްޓަމް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވައިފައެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އަދި ސީނިއަރ މެނޭޖްމަންޓާއި އެމް.އޭ.ސީ.އެލް ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމް ބައިވެރިވެފައިވެއެވެ. 1،800 މީޓަރު ދިގު މި ޕައިޕްލައިން ސިސްޓަމްގެ ތެރެއިން 635 މީޓަރު އަޅާފައިވަނީ ފަޅު ތެރޭގައެވެ.
ރޭގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ އެމްޑީ ޝަރީފް ވިދާޅުވީ އެއަރޕޯޓް ހިންގެވުމާ ހަވާލުވީއްސުރެ މިއަދާ ހިސާބަށް ވީ.އައި.އޭގެ އައު ޓާމިނަލް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ އިރުޝާދާއި އެހީތެރިކަމަށް އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ. ޝަރީފު އިތުރަށް ވިދާޅުވީ އެއާޕޯޓުގެ އައު ޓާމިނަލްގެ ކަންކަން މިހާހިސާބަށް ކާމިޔާބުކަމާއެކު މި ގެންދެވުނީ ރައީސް މުޢިއްޒު އެމް.އޭ.ސީ.އެލްއަށާއި ޚާއްސަކޮށް އެމަނިކުފާނަށް ދެއްވަމުން ގެންދަވާ ލަފަޔާއި، އެހީތެރިކަމާއި އިރުޝާދުގެ ތެރެއިން ކަމަށެވެ.
އެމް.އޭ.ސީ.އެލްގެ އެމްޑީ ޝަރީފް ވިދާޅުވީ، އެ ކުންފުނީގެ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމާ ހަވާލުކުރެވުނު ފެން ފޯރުކޮށްދޭ ޕައިޕްލައިން ސިސްޓަމްގެ މަސައްކަތަކީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ކަމަށާއި، މި މަސައްކަތް ރެކޯޑު މުއްދަތެއްގެ ތެރޭގައި ނިންމާފައިވާތީ އެ ޓީމަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވައި، ޝުކުރު އަދާކުރައްވައިފައެވެ.
ޝަރީފް ވިދާޅުވިގޮތުގައި، އެމް.އޭ.ސީ.އެލްގެ ހިންގުން ހަވާލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އިރުޝާދު ދެއްވި ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް އަވަހަށް ހުޅުވުމަށް ކަމަށެވެ. އެއީ މިހާރު ބޭނުންކުރަމުން އަންނަ 1978 ވަނަ އަހަރު ހެދި ޓާމިނަލް އާއެކު، ޓާމިނަލްގެ އޮޕަރޭޝަނަށް އިންތިހާއަށް ދަތިތައް ކުރިމަތިވަމުންދާތީ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، މިހާރުގެ ޓާމިނަލުން ދުވާލަކަށް ޚިދުމަތް ދެވެނީ 2700 އާއި 3000 ޕެސެންޖަރުންނަށެވެ. ނަމަވެސް މިދިޔަ އަހަރު އެއްދުވަހާ 23,000 ޕެސެންޖަރުންނަށް ޚިދުމަތް ދޭން ޖެހުނު ކަމީ ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ.
އައު ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ މައި ދޮރޯއްޓަށް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި، އިޤްތިޞާދީ މި މުހިންމު ވިއުގައަށް އެހީތެރިކަމާއި ތަރައްޤީ ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެއް ކަމަށާއި، އެމަނިކުފާނު މި މަސައްކަތަށް މުހިންމު އަހައްމިއްޔަތެއް ދެއްވަމުން ގެންދަވަނީ މި ސަބަބަށްޓަކައި ކަމަށް ޝަރީފް ވިދާޅުވިއެވެ. މި ސަރުކާރުން ހަވާލުވިއިރު ޓާމިނަލްގެ މަސައްކަތް ކުރިއަށްދާތާ 9 އަހަރު ވެފައިވީ ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ނިމުނީ 54 އިންސައްތަ މަސައްކަތް ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދަކަށްވީ، މި ޤައުމުގެ ފަތުރުވެރިކަން ފުޅާކޮށް އިޤްތިޞާދު ރަނގަޅުކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް އަވަހަށް ނިންމުން ކަމަށެވެ..
ރައީސުލްޖުމްހޫރިއްޔާގެ އަބަދުވެސް ވިސްނުންފުޅަކީ ޤައުމީ އެއާލައިނަށް އިސްކަންދިނުން ކަމަށާއި، އެހެންކަމުން، އައު ޓާމިނަލް ހުޅުވައި ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބޯޓަކަށް ކަމަށް ޝަރީފް ވިދާޅުވި އެވެ. މޯލްޑިވިއަންގެ ބޯޓުތަކުގެ އިންތިޒާމްތައް ނިންމުމަށްފަހު ނެރޯ ބޮޑީ އެއާލައިންތަކަށް އަދި އެއަށްފަހު ވައިޑްބޮޑީޑް އެއާކްރާފްޓްތައް އިންކޯޕަރޭޓް ކުރެވޭނެ ކަމަށާއި، މި އަހަރުގެ ފިނި މޫސުން ފެށުމުގެ ކުރިން އައު ޓާމިނަލް ބޭނުންކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 (މިނިވަން ދުވަހު) ގައެވެ. މި ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. މި ޓާމިނަލްގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތަކުގެ ތެރޭގައި އެއަރބްރިޖްތަކާއި، ސެލްފް ޗެކްއިން ކިއޮސްކްތަކާއި، އޮޓޮމޭޓެޑް ބެގޭޖް ހޭންޑްލިންގ ސިސްޓަމަކާއި، އަދި ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމެއް ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން