ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓުގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 ހާއިރު ކަމަށެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ އެޕާޓްމަންޓަށް ވަދެ، ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އަލިފާން ރޯވީ، ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ 9 ބީ ބްލޮކްގެ 13 ވަނަ ފަންގިފިލާގެ، 6ވަނަ އެޕާޓްމަންޓުގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް، އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކްބެޑެއްގެ ގޮދަޑިއެއް އަނދާފައިވާއިރު، މުޅި އެޕާޓްމަންޓަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ބަލަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން