ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމަށް ބާއްވާ ޖަލްސާގެ ހަތަރުވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވުމުން ތާޖުއްދީން ސްކޫލްގެ ދަރިވަރުން ވަނީ، އެމަނިކުފާނަށް ޝަރަފުގެ ސަލާމަކުން އިސްތިޤުބާލުކޮށް، ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ އިމްތިޙާނުން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންނާއި، ޘާނަވީ އިމްތިޙާނުތަކުން އެއްވަނަ ނަތީޖާ ހޯދި ދަރިވަރުންނާއި މި ދެ އިމްތިޙާނުން ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް ހޯދި ދަރިވަރުންގެ އަގުވަޒަންކޮށް، އިނާމު ހަވާލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، މަތީ ޘާނަވީ އިމްތިޙާނުން ދުނިޔެއިން އެއްވަނަ ހޯދައިގެން "އައުޓްސްޑޭންޑިންގ ޕިއަރސަން ލަރނަރ އެވޯޑް،" ހާސިލުކުރި 2 ދަރިވަރުންނަށް، އެވޯޑް ހަވާލުކޮށްދެއްވައި، ޘާނަވީ އިމްތިޙާނުން ވަކި ވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދި 57 ދަރިވަރުންނަށާއި، ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދި 21 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައި، މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބޭ 11 ދަރިވަރުންނަށް، އިނާމާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވާފައެވެ.
2023-2024 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު މިއަހަރު ކުރިޔަށް ގެންދިޔައީ ފަސް ދަންފަޅިއަކަށް ބަހާލައިގެންނެވެ.
މި ލިޔުން ކިޔާލުމުން