ކަނޑުތައް ޙިމާޔަތްކޮށް، އެތަންތަނުން ލިބޭ ނަފާ ދެމެހެއްޓެނިވިގޮތެއްގައި އިތުރުކުރުމަށް މަސައްކަތްކުރަންޖޭކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި "މޫދު ފެސްޓް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މޫދު ފެސްޓްގެ މައިގަނޑު ބޭނުމަކީ ވީހާވެސް ގިނަ ބަޔަކު މޫދަށް އަހުލުވެރި ކުރުވުންކަމަށް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި މިކަން މިހާރުގެ ޖީލުން ތަޖުރިބާކޮށް އަންނަން އޮތް ޖީލަށްވެސް މިކަން ދެމިގެން ދިއުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. ކަނޑުތައް ޙިމާޔަތް ކުރުމަށާއި، ކަނޑުތަކުން ލިބޭ ނަފާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކުރުތުމަށްވެސް ވިސްނަން ޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ މަސްވެރި ސިނާއަތު އޮތް ހާލަތާ، މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމައްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި ކަނޑުތަކާ ގުޅޭ ދިރާސާގެ މަސަައްކަތް ކުރުމަށް އެ ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަ އިިސްކަމެއް ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. "ވަރަށް ބޮޑަށް ރިސާރޗަށް ބޭސްކޮށް ދިވެހިރާއްޖޭގެ ކަންކަން ނިންމުމަށް ރައިސުލްޖުމްހުރިއްޔާ ބާރު އަޅުއްވާ. އަޅުގަނޑުމެންވެސް ކަނޑުގެ ކަންކަން ކުރާއިރު ބަލަނީ ރިސާރޗް ބޭސްޑް މަސައްކަތްތަކެއްގެ އަލީގައި. ޙަޤީޤަތުގައި އަޅުގަނޑުމެން ނަގާ ޑިޒިޝަނެއްވެއްޖެޔާވެސް ނަގަން މަސައްކަތް މިކުރަނީ ރިސާރޗަށް ބޭސްކޮށް." ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
މޫދު ފެސްޓްގައި ކުރިއަށް ގެންދިޔަ އެންމެ މުހިންމު އެއްކަމަކީ ކުޑަ ކުދިންނަށް އަމާޒުކޮށްގެން ކަނޑުގެ ރީތިކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ދިނުމުގެގޮތުން ކުރިއަށްގެންދެވުނު "ޑިސްކަވަރ ޑައިވް"އެވެ. މި ހަރަކާތަކީ ކުޑަކުދިންނަށް ޑައިވްކުރުން ތަޖުރިބާ ކުރުމަށް ހިންގި ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގައި ޖުމްލަ 40 ކުދިން ވަނީ ބައިވެރިވެ ކަނޑުގެ ރީތިކަން ބަލާލާ ތަޖުރިބާ ކޮށްފައެވެ. މި ހަރަކާތުގައި ބައިވެރިވި ހުރިހާ ބައިވެރިންނަށާއި އެހީތެރިވި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ހަވާލްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން