އިމްތިޙާނުތަކުން ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވާން ދިމާވާ ސަބަބުތައް ދެނެގަތުމަށް މިއަހަރުގެ ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހެދުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި މަތީއަރުތަވެރިންގެ އިނާމު ދިނުމުގެ 2 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ އިމްތިޙާނުތަކުން ފާސްވާ ދަރިވަރުންނާއި ދެ ޖިންސުގެ ދަރިވަރުންގެ ފާސްވާ އިންސައްތަ ތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން މިހާރު އޭލެވެލްއަށް ކިޔަވަމުންދާ ދަރިވަރުންނާއެކު އޯލެވެލް އިމްތިޙާނު ފުރިހަމަކުރި 7672 ދަރިވަރުންގެ ތެރެއިން ފާސްވެފައިވަނީ %46 ދަރިވަރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފާސްވި ދަރިވަރުންގެ ތެރެއިން ގިނައީ އަންހެން ދަރިވަރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، އޯލެވެލް އިމްތިޙާނު 3804 ފިރިހެން ދަރިވަރުން ހެދިއިރު އޭގެ ތެރެއިން ފާސްވެފައިވަނީ %44 ފިރިހެން ދަރިވަރުންކަމަށެވެ. އަދި 3868 އަންހެން ދަރިވަރުން އިމްތިޙާނު ހެދިއިރު، ފާސްވި އިންސައްތައަކީ %56 ކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.
އޭލެވެލް އިމްތިޙާނުގެ ނަތީޖާތަކަށް ބަލާއިރު، އިމްތިޙާނު ހެދި ދަރިވަރުންގެ ތެރެއިން ފާސްވެފައިވަނީ %46 ފިރިހެން ދަރިވަރުންނާއި %54 އަންހެން ދަރިވަރުންކަމަށް ވެސް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ. މިހެންކަމުން އިމްތިޙާނުތަކުން ފާސްވާ ދަރިވަރުންގެ ޖިންސުގެ ގޮތުން ބޮޑު ފަރަގެއް އޮތްކަން ފާހަގަކުރެވޭކަމަށް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 1980 ގެ ރިކޯޑްތަކަށް ބަލާއިރު އާބާދީގެ ގާތްގަޑަކަށް %60 އަންހެނުންނަށް ލިޔަން ކިޔަން ނޭގުނު ނަމަވެސް، ރާއްޖެ ހޯދި ކާމިޔާބީއަކީ މިހާރު ލިޔަންކިޔަން ދަންނަ ނިސްބަތް %100 އާ ހަމައަށް ގާތްވެފައިވުމެވެ. ނަމަވެސް، ސެކަންޑަރީ ސްކޫލް ނިންމާ ހިސާބުގައި މި ގެޕް އަންނަން ފަށައިފިނަމަ މުސްތަޤުބަލުގައި ގޮންޖެހުންތައް ހުންނާނެކަމަށް ވަޒީރު ސަމާލުކަން ދެއްވިއެވެ. އެހެންކަމުން ފިރިހެން ކުދިންގެ ނަތީޖާ މިހާރަށްވުރެ ރަނގަޅުކޮށް އަންހެން ކުދިންނާއި އެއްހަމައަކަށް ގެނައުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ނުކޮށްފިނަމަ ގިނަ އަސަރުތަކެއް ކުރާނެ ކަމަށް ވެސް ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ފިރިހެން ކުދިންގެ ނަތީޖާ ދައްވާން ދިމާވާ ސަބަބުތައް ދެނެގަތުމަށް މިއަހަރުގެ ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހަދާނެ ކަމަށާއި، އެ އެސެސްމަންޓްގެ އަލީގައި އެކަށީގެންވާ ފިޔަވަޅު އަޅާ ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާއަކީ ހަމަހަމަ ނަތީޖާ ތަކެއްގެ ގޮތުގައި ބައްޓަން ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މައްސަލައަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، "ފަހަރުގައި ވެދާނެ ކަރިކިއުލަމްގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމުގައިވިޔަސްމެ، ކިޔަވައިދިނުމުގެ ވައްޓަފާޅީގައި ތަންކޮޅެއް ބޮޑަށް ކުދިން ބާކީ ކުރެވެނީކަމަށްވެސް. ނުވަތަ ކޮމިއުނިޓީ ލެވެލްގައި ހުރި ބައެއް ކަހަލަ ގޮންޖެހުންތަކާހެދިނަމަވެސް، ކޮންމެ ގޮތެއްކަމުގައިވިޔަސް ދެނެގަންނަން އެބަޖެހޭ މި ގެޕް ކްރިއޭޓްވެފައިވަނީ ކޮން ސަބަބުތަކާ ހުރެކަން."
މިކަމާ ގުޅިގެން ވަޒީރު ވަނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ފިރިހެން ދަރިވަރުންނަށް ގޮވާލައްވާފައެވެ. އަދި ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ތަޢޫލީމެއް ފޯރުކޮށްދިނުމަށް މުޅި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
މި ލިޔުން ކިޔާލުމުން