ވޭތުވެދިޔަ ދެ އަހަރުތެރޭ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ވިޔަފާރިތަކުން ޖުމްލަ 450 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހާމަކުރައްވައިފިއެވެ. މިކަން ސީއެމްޑީއޭއިން ހާމަކުރެއްވީ، އެއިދާރާގެ މަސައްކަތްތަކާ ބެހޭ ގޮތުން ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާއި ބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ، ވިޔަފާރިތަކުން ފައިސާ ހޯދުމުގައި މިހާރު އާންމުކޮށް ބޭނުންކުރަނީ ބޭންކުތައް ކަމުގައި ވިޔަސް، ކެޕިޓަލް މާކެޓް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށްވެސް ފައިސާ ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
އާންމު އުސޫލުން ބޭންކުތަކުން ވިޔަފާރިތަކަށް ލޯނު ދެނީ މޯގޭޖް އުސޫލުންނެވެ. ނަމަވެސް ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިސާ ހޯދުމަށް ބޭނުންވަނީ ރަނގަޅު ވިޔަފާރީގެ ކޮންސެޕްޓެއް ކަމަށް މަނިކު ފާހަގަކުރެއްވިއެވެ. ސީއެމްޑީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ "ޕްރޮސްޕެކްޓަސް" ނުވަތަ "ސެކިއުރިޓީޒް ބަޔާން" އޮތްނަމަ، އެ ވިޔަފާރިއަކަށް އިންވެސްޓަރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކެޕިޓަލް މާކެޓް ސައިޑުގައި ވަރަށް ބޮޑަށް އެބައުޅޭ އިންވެސްޓަރުން. ޕްރައިވެޓް ކުންފުނިތަކުން މިހާރު ފައިސާ އެބަ ހޯދާ. ކުދި ވިޔަފާރިތަކަށްވެސް އެބަވޭ. ވިޔަފާރި ކޮންސެޕްޓެއް ހިފައިގެން އަންނާށޭ. އެކަމަށް ހަދަންޖެހެނީ ޕްރޮސްޕެކްޓަސްއެއް، ނޫނީ ހިއްސާގެ ބަޔާނެއް. އެބަޔާން ވަކި މިންގަނޑަކަށް ފެތޭނަމަ އާންމު ރައްޔިތުން ކުރިމައްޗަށް ނިކުތީމަ ފައިސާ ދޭނެ،" ސީއެމްޑީއޭ ސީއީއޯ ވިދާޅުވިއެވެ.
ކުންފުނިތަކުގެ ވިޔަފާރިތަކަށް އިންވެސްޓަރުން ހޯދުމަށް ފުރުސަތު އޮތްކަން ފާހަގަކުރައްވާ ސީއެމްޑީއޭއިން ވިދާޅުވީ، މި ފުރުސަތު މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ފަހިވެފައިވާ ކަމަށެވެ. މީގެ އިތުރުން، ހިއްސާގެ ބާޒާރަށް ކުދި ވިޔަފާރިތައް ނިކުތުމަށް ސެކަންޑް ބޯޑެއް އޮންނައިރު، އަމިއްލަ ވިޔަފާރިތަކަށް ސުކޫކް ފަދަ އިސްލާމީ ފައިނޭންސްގެ ވަސީލަތްތައް ބޭނުންކޮށްގެން އިންވެސްޓަރުން ހޯދުމަށްވެސް ފުރުސަތު އޮތްކަން ސީއެމްޑީއޭއިން ވަނީ ފާހަގަކުރައްވާފައެވެ.
"ޕްރައިވެޓް ސެގްމެންޓަށް ބަލާއިރު ހިއްސާ ވިއްކައިގެން ފައިސާ ނަގާފައި މިހުރީ 8 ކުންފުނި ނުވަތަ 9 ކުންފުނި. އެކުންފުނިތަކުގެ އިތުރަށް 2023 އަދި 2024 ވަނަ އަހަރު ގާތްގަނޑަކަށް 450 މިލިޔަން ރުފިޔާ ރެއިޒް ކުރެވިއްޖެ. ބޭންކް ފިޔަވައި، މިސައިޑުން ރެއިޒް ކުރެވުނު ވަރު އަޅުގަނޑު މިދެންނެވީ. އެހެންވީމަ އޮޕަޗުނިޓީއެއް އެބައޮތް،" ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވިއެވެ.
ސީއެމްޑީއޭއިން ވިދާޅުވީ، މިފަދަ ގޮތަކަށް ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދާނަމަ، ކުންފުނިތަކުގެ ހިންގުން ހަރުދަނާވާނެ ކަމަށެވެ. ވިޔަފާރި ފަށާއިރު، ވިޔަފާރިތަކަށް ލުއިތަކެއް ލިބޭއިރު، ދިގު މުއްދަތުގައި ވިޔަފާރިތަކުގެ ހިންގުން ހަރުދަނާވެ، އިންވެސްޓަރުންނަށް ފައިދާކުރާ ގޮތަށް، މި ވިޔަފާރިތައް ކުރިއަރާނެކަމަށް ސީއެމްޑީއޭއިން ވިދާޅުވިއެވެ.
ސީއެމްޑީއޭއަކީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާއި ބެހޭ ޤާނޫނުން ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓް ކުރުމަށް އުފައްދަވާފައިވާ އިދާރާއެކެވެ. ދިވެހިރާއްޖޭގައި އެއްވެސް ކަހަލަ އިންވެސްޓްމެންޓު ފުރުސަތެއް އާންމުންނަށް ހުޅުވާލެވޭނީ ސީއެމްޑީއޭއިން ހުއްދަ ނަގައިގެންނެވެ.
މި ލިޔުން ކިޔާލުމުން