ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތާއި ކޮލެޓީއާމެދު ހިތްހަމަޖެހޭކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މި ފްލެޓުތަކުގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.
މިކަން ހާމަކުރައްވަމުން ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، މި ސަރުކާރު ޙަވާލުވިއިރު މި ފްލެޓުތަކުގެ މަސައްކަތްވެސް އެންމެ އެކަށީގެންވާ ސްޕީޑުގައި ކުރިއަށްނުދާ ކަމަށެވެ. ނަމަވެސް މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކާ ފާއިތުވި މުއްދަތުގެ ތެރޭގައި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ފަހި ދިރިއުޅުން ކޯރޕަރޭޝަން (އެފްޑީސީ) އާއި، މި މަޝްރޫޢުގެ ދެ ކޮންޓްރެކްޓަރުން ގުޅިގެން މަސައްކަތުގެ ސްޕީޑު އަވަސްކޮށް، މިހާރު މަސައްކަތް ގޮސްފައިވާ ހިސާބާމެދު ޖުމްލަގޮތެއްގައި ސަރުކާރުން ވަރަށް ހިތްހަމަޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޙަޤީޤަތުގައި އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީއިރުގައި މަސައްކަތް ހުރި މިންވަރާ ބަލާއިރުގައި ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށް ގޮސްފައި މިވަނީ. އެފްޑީސީއާ ކޮންޓްރެކްޓަރުންނާ ގުޅިގެން ވަރަށް ރަނގަޅަށް ބެލިގެން ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވިފައި މިވަނީ. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ މަސައްކަތް ނިމެމުންދާ ސްޕީޑާއި އަދި ކޮލެޓީއާ ދޭތެރޭގައި." ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބު މީޑީއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގައި މިވަގުތު ހިންގާ ސޯޝަލް ހައުސިންގގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ މި 4000 ފްލެޓުގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 32 ޓަވަރަކަށް ބަހާލައިގެންނެވެ. މީގައި ހިމެނެނީ 2 ކޮޓަރާއި 3 ކޮޓަރީގެ ފްލެޓްތަކެކެވެ. މި މަޝްރޫޢު ހިންގަނީ ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ.
މި 32 ޓަވަރުގެ ތެރެއިން 16 ޓަވަރެއްގެ މަސައްކަތް ކުރަމުންދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭ.ޕީ.އައި.އެލްއިންނެވެ. އެކުންފުނީގެ ޓަވަރުތަކަށް ދީފައިވަނީ "އަމާން އުދަރެސް" މި ނަމެވެ. އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ނެޝެނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން، އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. އެން.ބީ.ސީ.ސީގެ 16 ޓަވަރަށް ދީފައިވަނީ "އަމާން ދޯދި" މި ނަމެވެ.
މި 4000 ފްލެޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިން ޑިޒައިންކޮށްފައިވާގޮތުން މަސައްކަތުގެ ސްކޯޕުގެ ތެރޭގައި މިތަންތަނަށް ބޭނުންވާ ފެނާއި ނަރުދަމާފަދަ ޔޫޓިލިޓީ ޚިދުމަތްތައް ގުޅައިދިނުން ހިމަނާފައެއްނުވެއެވެ. އެހެންކަމުން މިތަންތާނގައި މީހުން ދިރިއުޅެން ފަށަންވާއިރަށް ބޭނުންވާ ޔޫޓިލިޓީ ޚިދުމަތްތައް ގުޅައިދިނުން ވަކި މަޝްރޫޢެއްގެ ގޮތުގައި މިހާރު ކުރިއަށްދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެ މަސައްކަތް ކުރަނީ ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ.
މި ލިޔުން ކިޔާލުމުން