ޚަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް 23 އިންސައްތަ ދަށްވެފައިވާ ކަމަށް މާލީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން މާލި ވުޒާރައިން ޝާއިޢުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅާބަލާއިރު 8.7 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 5.3 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 72.1 އިންސައްތައިން ދަށްވެފައެވެ. އަދި މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދު މިވަނީ ފާއިތުވި އަހަރާއި އަޅާބަލާއިރު ދަށް މިންވަރެއްގައި ދަމަހައްޓާފައެވެ.
2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ބަލާއިރު، މި އަހަރަށް އިދާރީ އަދި ހިންގުމުގެ ޚަރަދުތަކުގެ ގޮތުގައި ފާސްކުރެވުނު 20.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުވެފައިވަނީ 8.2 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 9.3 ބިލިއަން ރުފިޔާއެވެ. މިބައިގެ ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ޚަރަދު ވަނީ 71.5އިންސައްތައިން ދަށްވެފައެވެ. އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު 17.2 އިންސައްތައިން ދަށްވެފައެވެ.
ފާހަގަކުރެވޭ މި ކުރިއެރުން ޙާޞިލްކުރެވިފައިވަނީ ދައުލަތުން ތަންފީޛުކުރަމުންދާ ޚަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކާއި ބަޖެޓް މެނޭޖްމަންޓް އުސޫލުތަކުގެ ސަބަބުންނެވެ.
މި ލިޔުން ކިޔާލުމުން