ރާއްޖޭގައި ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް އަށަގެންނެވުމަށްޓަކައި ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި ޤައުމަށްޓަކައި އަޑު އުފުލުމަކީ މުހިންމު ކަމެކެވެ. އެގޮތުން، މިފަދަ ހަރަކާތްތައް ހިންގުމަށް ފަހިކޮށްދިނުމުގެ ގޮތުން، މި ސަރުކާރުންވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.
ކުރިން، ހުއްދަ ނެގުމަކާނުލާ އެއްވެ އުޅުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކާނިވާ ސަރަޙައްދަށް އެކަންޏެވެ. ނަމަވެސް މި ސަރުކާރުންވަނީ އެކަން ބަދަލުކޮށް، ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދު)، އުސްފަސްގަނޑު އަދި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައެވެ.
ހީނާ ވަލީދު އިތުރަށް ވިދާޅުވީ، މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ 'ރޫލް އޮފް ލޯ' އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެއް ކަމުގައެވެ.
މިކަމުން ދައްކުވައިދެނީ، މި ސަރުކާރުން ޑިމޮކްރަސީގެ ހަމަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފުރިހަމައަށް ބާރުއަޅާކަމާއި، ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމަށް ދެމުންދާ ސަމާލުކަމެވެ.
މިރޭ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ފައްޔާޒް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅުން ފާހަގަކޮށް، މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބާއްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި އެކި އިވެންޓުތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ، އެ ހަފުލާތައް ބޭއްވުމަށް މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރުން ތަނެއް ހަމަނުޖައްސައިދީފިނަމަ، އެ ހަފުލާ ބާއްވާނީ މުލިއާގެ ކަންމަތީގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން