Saturday, October 31
ގުނަވަން ބަދަލުކުރުމުގެ ޤާނޫނުގެ ފުރަތަމަ ޑްރާފްޓް ނިމިއްޖެ: ސިއްޙީ ވަޒީރު

ރާއްޖޭގައި ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް ފެށުމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، އެ ޤާނޫނުގެ ފުރަތަމަ ޑްރާފްޓް ނިމިފައިވާ ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ތަރައްޤީކޮށް، ދެވަނަ މަރުޙަލާއަކަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓް ފަދަ އޮޕަރޭޝަންތައް ކުރެވޭނެ ފެންވަރަށް އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑް ކުރުން ހިމެނެއެވެ.

"މިކަން ކުރުމަށްޓަކައި ބޭނުންވާ ލީގަލް ފްރޭމްވޯކް، ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނުގެ ފުރަތަމަ ޑްރާފްޓް މިހާރު ވަނީ ތައްޔާރުކުރެވި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެވެމުން،" ވަޒީރު ވިދާޅުވިއެވެ.

މި ޤާނޫނާ ގުޅޭ މަޝްވަރާތައް ނިމުމުން، އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤާނޫނު ފާސްވުމާއެކު ރާއްޖޭގައި ކިޑްނީ ބަދަލުކުރުން ފަދަ އޮޕަރޭޝަންތައް ކުރުމުގެ ޤާނޫނީ އިޖުރާއާތުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ގުނަވަން ބަދަލުކުރުމުގެ ޚިދުމަތް ރާއްޖޭގައި ފެށުމަކީ ސިއްޙީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ ކަމެއްގެ ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު