Saturday, October 31
ފަހި ދިރިއުޅުން ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވައިލައްވައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ތަރައްގީކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ބައްލަވައިލައްވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްގީކުރާ މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ބައްލަވައިލެއްވުމަށް މިއަދު ހަވީރު އެ ސަރަހައްދަށް ރައީސް ވަޑައިގަތުމުން، ސަރުކާރުގެ ބައެއް ވަޒީރުންނާއި އެފްޑީސީގެ އިސްވެރިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

އެމަނިކުފާނުވަނީ އެފްޑީސީން ބިނާކުރާ 4،000 ހައުސިން ޔުނިޓުތަކުގެ ޓަވަރުތައް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި އެއިން ބައެއް ޓަވަރުތަކަށް ވަދެވަޑައިގެން އެތަންތަން ބައްލަވައި، މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ.

މި ހައުސިން ޔުނިޓުތަކަކީ ކުރީ ސަރުކާރުގައި އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން އަޅަންފެށި ޔުނިޓުތަކެކެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް މި މަސައްކަތްތައް ނިންމައިލެވިފައިނުވެއެވެ. އެ ހައުސިން ޔުނިޓުތައް ނިންމުމުގެ މަސައްކަތް ހަލުއިކޮށް މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ގިނަ ޔުނިޓުތައް ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

https://twitter.com/presidencymv/status/1935687463344935095

ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިމުން ކައިރިވެފައިވާއިރު، މި ޔުނިޓުތަކުގެ ހައްގުވެރިން ކަނޑައެޅުމުގައި ކުރީ ސަރުކާރުން ބޮޑެތި މައްސަލަތައް ދިމާވެފައިވެއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުނު ފަހުން ކުއްލި ގޮތަކަށް ކުރީ ސަރުކާރުންވަނީ 4،000 ޔުނިޓުގެ ހައްގުވެރިންގެ ލިސްޓެއް އާއްމުކޮށްފައެވެ. އެ ލިސްޓާ ގުޅޭ ގިނަ ޝަކުވާތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމާ ގުޅިގެން އެ ކޮމިޝަނުން އެ މައްސަލަތައް ބެލުމަށްފަހު ނިންމާފައިވަނީ އެ ލިސްޓުގެ ބޮޑު ބައެއް ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

މި ސަރުކާރުން މިކަމުގައި ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ހިމެނުނު ފަރާތްތަކުގެ ތެރެއިން ކަނޑައެޅިގެން ދޮގު މައުލޫމާތު ދީފައިވާ ފަރާތްތައް ނޫން ހުރިހާ އެންމެނަށްވެސް ފުލެޓުތައް ދިނުމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފުލެޓު ނުލިބޭ ފަރާތްތަކަށް ފުލެޓު ނުލިބުނު ސަބަބާއެކު އެކަން އަންގާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު