Saturday, October 31
ދެގައުމުގެ ތަރައްގީ އާއޮ މަންފާއަށް ވިއެޓްނާމާއެކު ގާތުން މަސައްކަތްކުރުން އުއްމީދަކީ: ވަޒީރު ހަލީލު

ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދުގައި އޮންނަ އެކުވެރި ގާތް ގުޅުން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިތުރަށް ބަދަހިވެފައިވާ ކަމަށް ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ބުއި ތަންހް ސަން އަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ. މި މެސެޖުގައި "ދެ ޤައުމުގެ މެދުގައި ބަދަހިވަމުން އަންނަ ގާތް ރަހުމަތްތެރި ކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދެޤައުމުގެ ތަރައްޤީއާ ރައްޔިތުންގެ މަންފާއަށް ވިއެޓްނާމާއެކު ގާތުން މަސައްކަތްކުރުމަށް އުއްމީދު ކުރައްވާ،" ކަމަށް ވިދާޅުވެފައި ވެއެވެ.

ދެޤައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް، ވިއެޓްނާމް ސަރުކާރަށް އަދި ވިއެޓްނާމްގެ ރައްޔިތުންނަށް އަރިސްކުރުމަކީ އެމަނިކުފާނަށް ލިބިވަޑައި ގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ޚާރިޖީ ވަޒީރު ފާހަގަ ކުރައްވާފައި ވެއެވެ.

މެސެޖު ނިންމަވާލައްވަމުން، ޚާރިޖީ ވަޒީރު ވަނީ ވިއެޓްނާމްގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު