ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓުގެ އިފްތިތާޙީ ސެޝަންގައި މިއަދު ތަޤުރީރު ކުރައްވައިފިއެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، މެރކް ފައުންޑޭޝަނަށް 8 އަހަރު ފުރޭ މުނާސަބަތާއި، އިޖުތިމާޢީ ތަރައްޤީގެ ޕުރޮގުރާމުތައް ހިންގާތާ 13 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ފައުންޑޭޝަނަށް މަރުޙަބާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމަނާ ވަނީ އެ ފައުންޑޭޝަންގެ "މޯ ދޭން އަ މަދަރ" ކެމްޕެއިންގެ އެމްސެޑަރަކަށް އެކަމަނާ ޢައްޔަންކުރެއްވި ކަމަށްޓަކައި އަދި ދިވެހި ޑޮކްޓަރުންނަށް ފާޓިލިޓީ އާއި އެމްބްރިއޮލޮޖީގެ ދާއިރާގެ ތަމްރީންވުމުގެ ސްކޮލަރޝިޕް ފުރުޞަތުތައް ފަހިކޮށްދެއްވި ކަމަށްޓަކައިވެސް ޝުކުރު ދަންނަވައިފައެވެ. މެޑަމް ސާޖިދާ ވިދާޅުވީ މިއީ ހުނަރުވެރި ޕްރޮފެޝަނަލުންގެ ދަތިކަން ކުރިމަތިވެފައިވާ މުހިންމު ސްޕެޝަލިޓީއެއްކަން ފާހަގަކުރައްވައިފައެވެ.
އަދި އެކަމަނާ ވަނީ މުޅި ރާއްޖޭގައި އަތްފޯރާ ފަށުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ދެމެހެއްޓެނިވި ދިގުމުއްދަތުގެ ފަންނީ ޕާޓްނަޝިޕްތައް ޤާއިމްކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.
މީގެ އިތުރުން މެޑަމް ސާޖިދާ ވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރަށް ސްކްރީންކުރުމާއި ނަފްސާނީ ޞިއްޙަތާ ގުޅުންހުރި ޚިދުމަތްތަކާއި، ޞިއްޙީ ދާއިރާގައި އަންހެނުންގެ ލީޑަޝިޕަށް ތާއީދުކުރުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައިފައެވެ.
މި ސެޝަންގައި މެޑަމް ސާޖިދާ ވަނީ ދަރިމައިވުމުގައި ދިމާވާ ގޮންޖެހުންތަކާއި، ޖެންޑަރ ބޭސްޑް ވައިލަންސާއި އަންހެނުން ބާރުވެރިކުރުވުމާއި، ހަކުރުބައްޔާއި ހައިޕަރޓެންޝަން ފަދަ މައްސަލަތަކަށް ހޭލުންތެރި ކުރުވުމަށް މެރކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ހަރަކާތާ ގުޅޭ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް އަރުވައިފައެވެ. އެގޮތުން އެކަމަނާ ވަނީ އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އަންހެނުންނަށް އިންސާފު ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބާރުއަޅާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލާފައިވާ މިންތީގެ ހަމަހަމަކަމާ ގުޅެ އުސޫލުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައިފައެވެ.
މެޑަމް ސާޖިދާ މިހާރު ހުންނެވީ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެން އެކުވެރި ޢަރަބި ޢިމާރާތުގެ ދުބާއީގައެވެ.
މި ލިޔުން ކިޔާލުމުން