މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޑްރައި ޑޮކިން ވިޔަފާރިއަށް ވަނުމަށް މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުއަށް ވ. ފޮއްތެޔޮގެ ބަދަލުގައި އެކަށޭނަ ފަޅެއް ހޯދުމަށް ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވުނު އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ވިދާޅުވީ، މި މަޝްރޫޢުއަށް ދެ ފަޅެއް ސެލެކްޓް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މި ދެ ފަޅަކީވެސް ސަރުކާރުގެ މުހިންމު އެހެން ޕްރޮޖެކްޓަކަށް ރިޒާވް ކޮށްފައިވާ ފަޅުތަކެއް ކަމަށާއި، އެ ޕްރޮޖެކްޓް އަންނަ އަހަރުގެ ފެބްރުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭން މުރާޖަޢާ ކުރުމުގެ ތެރޭގައި ރާއްޖޭގައި ޑްރައި ޑޮކިން ވިޔަފާރިއެއް ނެތްކަން ފާހަގަކުރެވުނު ކަމަށް ސައުދީ ވިދާޅުވިއެވެ. އެހެންކަމުން، މި ދާއިރާއަށް ވަނުމަށް އެމްޓީސީސީން ނިންމާފައިވާ ކަމަށާއި، އެމްޓީސީސީއަކީ މެޝިނަރީޒް އާއި މަހާ ޖައްރާފައި ޑްރެޖަރުތައް ބޭނުންކުރާ ކުންފުންޏަކަށްވާތީ، މި ދާއިރާއަށް ވަނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުއަށް އެންމެ އެކަށޭނަ ތަނެއް ދެނެގަނެ، ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ސައުދީ ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުއާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
އެމްޓީސީސީއަށް ކުރިން ދޫކޮށްފައިވާ ވ. ފޮއްތެޔޮ އަކީ 2011 ވަނަ އަހަރު ކްރޮސް ސަބްސިޑީގެ ދަށުން ދޫކޮށްފައިވާ ރަށެކެވެ. ނަމަވެސް 2014 ވަނަ އަހަރު އެ ރަށް ސަރުކާރުން އަނބުރާ ނަގައި، އެމްޓީސީސީއަށް އެއް މިލިއަން ޑޮލަރުގެ ބަދަލެއް ދީފައިވެއެވެ.
މި އައު މަޝްރޫޢުއާއެކު، އެމްޓީސީސީން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނައުމަށެވެ.
މި ލިޔުން ކިޔާލުމުން