އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމުގެ އަގުގެ މިންގަނޑު ނުވަތަ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީ.ޕީ.އައި.) 2024 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ މާރިޗު މަހު ވަނީ 13.53 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ މި އިތުރުވުން އައިސްފައިވަނީ މަސައްކަތްތެރިންގެ އުޖޫރައާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އަގުތައް މަތިވުމުގެ ސަބަބުން ކަމަށެވެ.
ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްއަކީ އުފެއްދުންތެރިންގެ އަގުތަކަށް އަންނަ ބަދަލު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ. މި އިންޑެކްސްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އުފެއްދުންތެރިންނަށް މުދަލާއި ޚިދުމަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ވަޒަންކުރުމެވެ. މިގޮތުން، އެކި ވަގުތުތަކުގައި އަގުތަކަށް އަންނަ ބަދަލުތައް ވަޒަންކޮށް، އޭގެ އެވްރެޖް ބަދަލު ދެނެގަނެވެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 29 މޭ 2025 ގައި އާންމުކުރި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަހުން މަހަށް އަންނަ ބަދަލު ދައްކާ މިންގަނޑަށް ބަލާއިރު، ހުރިހާ މަހެއްގައިވެސް ކުޑަ މިންވަރެއްގެ މަތިވުމެއް ފެނިފައިވެއެވެ. ޖަނަވަރީ މަހު 0.14 އިންސައްތަ، ފެބްރުއަރީ މަހު 0.01 އިންސައްތަ އަދި މާރިޗު މަހު 0.01 އިންސައްތައިން މައްޗަށްގޮސްފައެވެ.
އަހަރުން އަހަރަށް އަންނަ ބަދަލަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު 13.82 އިންސައްތަ، ފެބްރުއަރީ މަހު 13.68 އިންސައްތަ އަދި މާރިޗު މަހު 13.53 އިންސައްތައިން ވަނީ އިތުރުވެފައެވެ. މިއީ އިމާރާތްކުރުމުގެ ދާއިރާގެ އަގުތަކަށް އައި ފާހަގަކޮށްލެވޭ ބަދަލުތަކެކެވެ.
އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމުގެ އަގުގެ މިންގަނޑު އެކުލެވިގެންވަނީ އިމާރާތްކުރުމުގެ މަސައްކަތްތަކާއި މަގު ހެދުމުގެ މަސައްކަތްތަކުގެ އަގުތަކުގެ މައްޗަށް ބިނާކޮށެވެ. މީގެ ތެރެއިން އިމާރާތްކުރުމުގެ މަސައްކަތްތަކަށް 75 އިންސައްތައިގެ ބަރުދަނެއް ދެވިފައިވާއިރު، މަގު ހެދުމުގެ މަސައްކަތްތަކަށް 25 އިންސައްތައިގެ ބަރުދަނެއް ދެވިފައިވެއެވެ.
މި ލިޔުން ކިޔާލުމުން