ފިލްމީ ދާއިރާގެ ނަން މަޝްހޫރު ޑައިރެކްޓަރ ނަހުލާގެ އައު ފިލްމު "ސޮރީ" ރޭ އޮލިމްޕަހުގައި ބޭއްވުނު ކުލަގަދަ ހަފްލާއެއްގައި ޕްރިމިއަރ ކޮށްފިއެވެ. މި ފިލްމު ރަސްމީކޮށް ޕްރިމިއަރކޮށްދެއްވީ ތަޖުރިބާކާރު ޑައިރެކްޓަރ މުޙައްމަދު މުސްތަފާ ޙުސައިންއެވެ.
ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު ތަރިންކަމުގައިވާ ޔޫސުފް ޝަފީޢު (ޔޫއްޕެ)، އައްޒަ، މަރިޔަމް ނިޝާ އަދި ޝީލާ ފަދަ ތަރިން ފެނިގެންދާނެއެވެ. ޕްރިމިއަރ ނައިޓްގައި ފިލްމުގެ އެންމެހާ ކާސްޓުން ބައިވެރިވިއެވެ.
"ސޮރީ" އަކީ ނަހުލާ ދިގު މެދުކެނޑުމަކަށްފަހު އާންމުންނާ ހިއްސާކުރާ ފިލްމެކެވެ. މި ފިލްމުގައި ނަހުލާގެ އެންމެ ހަނގު ދަރިފުޅު ލާލީ އަދި މާމަ ދަރިފުޅު އެވްލީގެ މުހިންމު ދައުރެއް ހިމެނެއެވެ. ފިލްމުގެ ތީމް ލަވަ ހުށަހަޅައިދީފައިވަނީ ނަހުލާގެ ދަރިފުޅު ނާޝްއެވެ.
"މިއީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ގެނެސްދޭ ފިލްމެއް. ހުރިހާ ގޮތަކުން ބެލިނަމަވެސް އަހަރެންގެ އެހެން ފިލްމުތަކާ އަޅާކިޔާލެވޭ ވަރުގެ ފިލްމަކަށް ވާނެ،" ނަހުލާ ބުންޏެވެ.
ފިލްމުގެ ޕްރިމިއަރ ނައިޓާ ހަމައަށް އައިއިރު 19 ޝޯވގެ ޓިކެޓް ވިއްކިފައިވާކަން ފާހަގަކުރެވެއެވެ. މިއީ ނަހުލާގެ ކުރީގެ ފިލްމު "ޔޫސުފް" އަށް ވިކުނު 17 ޝޯވއަށްވުރެ އިތުރު އަދަދެކެވެ. މާލޭގެ އިތުރުން ރަށްރަށުގައިވެސް "ސޮރީ" އެޅުވުމަށް ޓިކެޓް ވިއްކުން ކުރިއަށްދާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
"ސޮރީ" ފިލްމު އެޅުވުމުގެ ކުރިން ނަހުލާ ވަނީ އޭނާގެ ދެން އެންމެ އަވަހަށް ނެރޭނެ ފިލްމު "ގިސް" ވެސް އިޢުލާންކޮށްފައެވެ. މިއީ ބެލުންތެރިންނަށް ދޭ ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ނަހުލާ ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން