މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) ގެ އެންމެ އައު ފިލްމު "ސޮރީ" މިރޭ އޮލިމްޕަހުގެ ސްކްރީނުގައި ދައްކަން ތައްޔާރުވެއްޖެއެވެ. ފިލްމީ މަސައްކަތާ ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ނަހުލާ ގެނެސްދޭ މި ފިލްމަކީ ބެލުންތެރިންގެ ހިތްތަކާ ކުޅެލެވޭވަރުގެ ފިލްމެއްކަން ފާހަގަކުރެވެއެވެ.
މި ފިލްމު ސްކްރީނަށް އަންނަނީ ދިވެހި ފިލްމީ ތާރީޚުގައި މުޅިން އައު ރެކޯޑެއް ގާއިމުކުރަމުންނެވެ. މިހާތަނަށް މި ފިލްމުގެ ޖުމްލަ 18 ޝޯގެ ޓިކެޓް ވިއްކި ހުސްވެފައިވާއިރު، މިހާރު ވިއްކެމުންދަނީ 19 ވަނަ ޝޯގެ ޓިކެޓްތަކެވެ. މިއީ މިހާތަނަށް ދިވެހި ފިލްމެއް ރިލީޒްކުރުމުގެ ކުރިން މިހާ ގިނަ ޝޯތަކެއް ހައުސްފުލްވި ފުރަތަމަ ފަހަރެވެ.
މި ފިލްމުގެ ލީޑު ރޯލުގައި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިތުރު ތަޢާރަފަކަށް ބޭނުންނުވާ މަރްޔަމް އައްޒަ ފެނިގެންދާނެއެވެ. އަދި ނަހުލާގެ ދަރިފުޅު ލާލި އާއި މާމަ ދަރިފުޅު ލާލިގެ ހިތްގައިމު އެކްޓިންގ އިން ބެލުންތެރިންގެ ހިތްތައް ހޯދާނެކަން ޔަގީނެވެ.
"މިއީ ވަރަށްވެސް އަސަރުގަދަ ފިލްމަކަށް ވާނެ" ކަމުގެ ޔަގީންކަން ނަހުލާ ވަނީ ކުރިން ދީފައެވެ. ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ޕްރިމިއާ ނައިޓް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރިމިއާ ނައިޓްގެ ހަފްލާ ޓީވީއެމް، ޔެސް ޓީވީ، އަދި އެސްއެސް ޓީވީއިން ލައިވްކޮށް ދައްކާނެ ކަމަށް "ސޮރީ" ގެ ޓީމުން ވަނީ ހާމަކޮށްފައެވެ. މި ހަފްލާގައި ރާއްޖޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވާނެއެވެ. ފިލްމުގެ 'ޕްރީ ސަކްސެސް' ކާމިޔާބު ކުރުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ހަފްލާގައި ފިލްމުގެ ބިހައިންޑް ދަ ސީން، ބީޓީއެސް އާއި ތީމް ލަވަ ދައްކާލާފައިވެއެވެ.
މި ލިޔުން ކިޔާލުމުން