ކަނޑުތައް ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ޤައުމުތައް ނުރައްކަލާ ކުރިމަތިލާން ޖެހުނަސް، އެ ނުރައްކަލުން އަރައިގަތުމަށް އެންމެ ކުރީސަފުގައި އަބަދުވެސް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގެ ތިންވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، އެކަމުގެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަތައް މަރުވުމަކީ ހަމައެކަނި ސައިންސުވެރިން ފާހަގަކުރާ ކަންބޮޑުވުމެއް ނޫން ކަމަށާއި، އެއީ ދިވެހީންގެ ދިރިއުޅުމުގެ ޙަޤީޤަތް ކަމަށް ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭން ދިވެހިރާއްޖެ ހިމެނޭ ކަމަށާއި، އެހެން ނަމަވެސް އެ ނުރައްކަލުން އަރައިގަތުމަށް ރާއްޖެއިން އަބަދުވެސް ކުރީސަފުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހޫނުމިން އިތުރުވެ، މަހުގެ ސްޓޮކް ކުޑަވަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ކަނޑަކީ ސީދާ ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ ވަސީލަތެއް ކަމަށާއި، އެއީ ދިވެހީންގެ ސަގާފަތް ރަމްޒުކޮށްދޭ އެއްޗެއް ކަމުގައިވެސް ވިދާޅުވިއެވެ.
މި މަހާސިންތާގައި ވާހަކަދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި 93 އަށް ވުރެ ގިނަ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައިވާ ކަމަށާއި، އ.ދ. ގެ އޯޝަންސް ކޮންފަރެންސްގެ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ކަނޑާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމުގައި ކަނޑަށް އެންމެ ބޮޑަށް ބަރޯސާވާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބަސް ހިމެނެން ޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެނީ ކަނޑުގެ މުސްތަޤްބަލަކީ މަދު ބަޔަކަށް ލިޔެވިދާނެ އެއްޗެއް ނޫން ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީތެރިކަން ހޯދުމުގައި ގޮންޖެހުންތައް ހުންނަ ކަމަށާއި، އެފަދަ ޤައުމުތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްޤީވެފައިވާ ޤައުމުތަކަށާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކަށް ވަޒީރު ވަނީ ގޮވަލައްވައިފައެވެ. އަދި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ދެވޭ ލޯނުތައް މަޢާފުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން