ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް މިހާރުވެސް ތަޙުޤީޤުކުރަމުންދާ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިގޮތުން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ އެފްއޭއެމް އަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، އެފް.އޭ.އެމްގެ ކުރީގެ ރައީސް، ކ. މާލެ / ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި، އެފް.އޭ.އެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފް.އޭ.އެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އަދި ހަމަ އެއާއެކު އެފް.އޭ.އެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާ ކަމުގައި ފުލުހުން ބުންޏެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ބައްސާމް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާންތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގ ގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލާގައި އޭނާގެ މައްޗަށް އިތުރު ދެ ދަޢުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.
މިގޮތުން ބައްސާމްގެ މައްޗަށް އިތުރަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އެވެ. ބައްސާމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޝަރީޢަތް ނިމެންދެން އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފައެވެ.
މި ލިޔުން ކިޔާލުމުން