މިމަހު 17 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ރިލީޒްކުރާ ދިވެހި ފިލްމު "ސޮރީ"އަށް މިހައިތަނަށް ލިބިފައިވާ ކާމިޔާބު ފާހަގަކުރުމަށް ވަރުގަދަ އިވެންޓެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި އިވެންޓް އޮންނާނީ މިމަހު 13ވާ ހުކުރު ދުވަހުގެ ރޭ 21:00ގައި އޮލިމްޕަސް ސިނަމާގައެވެ.
ފިލްމު "ސޮރީ"ގެ ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތު ދެމުން ބުނެފައިވަނީ މި އިވެންޓްގައި ފިލްމުގެ ބިހައިންޑް ދަ ސީން (ފިލްމު މޭކިން ވީޑިއޯ)ގެ ސީރީޒް ރިލީޒްކުރުމާއި، ފިލްމުގެ ރަސްމީ ތީމް ލަވަ ރިލީޒްކުރާނެ ކަމަށެވެ. މީގެ އިތުރުން ފާތިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އެންމެ ފަހުން އުފެއްދި ފީޗާ ފިލްމު "4426" ވެސް ދައްކާނެއެވެ.
ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ބުނީ ފިލްމު ނެރުމުގެ ކުރިން ޓިކެޓު ވިއްކުމަށް ހުޅުވާލުމާއެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ މި ފިލްމަށް ލިބިފައިވާ ކަމަށެވެ. "މިހާރު ވިއްކަމުން ދަނީ 'ސޮރީ' ގެ 15 ވަނަ ޝޯގެ ޓިކެޓެވެ. މިއީ ވަރަށް ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީއެއް،" ނަހޫ ވިދާޅުވިއެވެ.
ނަހޫ ބުނީ އަމާޒަކީ އޭނާގެ ކުރީގެ ފިލްމު "ޔޫސުފް"ގެ ރިކޯޑު މުގުރާލުން ކަމަށެވެ. "ޔޫސުފް" އޮލިމްޕަހުގައި އެޅުވުމުގެ ކުރިން އެ ފިލްމުގެ 17 ޝޯގެ ހައުސްފުލް ވެފައިވާއިރު، "ޖޫން 17 ގައި 'ސޮރީ' އަޅުވާއިރު މި ރިކޯޑު މުގުރާލެވޭނެކަމުގެ ޔަގީންކަން މިހާރު ވަނީ ބޮޑުވެފަ" ނަހޫ ބުނެފައި ވެއެވެ.
މި އިވެންޓަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އިވެންޓެއް ކަމަށާއި، ރަނގަޅު ސީޓު ބޭނުންވާނަމަ ކުރިން ސީޓު ބުކް ކުރުމަށް ނަހޫ ވަނީ އެދިފައެވެ.
"ސޮރީ" އަކީ ދިވެހި ފިލްމީ ދާއިރާގައި ނަންވިދާ ތަރިން ހިމަނައިގެން އުފައްދާ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ލިޔުން ކިޔާލުމުން