އަޟުޙާ ޢީދު ދުވަހާ ގުޅިގެން މާލޭގައި ވެހިކަލް ދުއްވުން މަނާކުރި ވަގުތު ކަމަށްވާ ހަވީރު 4:00 އިން 6:00 އަށް ފުލުހުން ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފިއެވެ.
މިގޮތުން މިއަދު ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ވެހިކަލް ދުއްވުން މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް ނަސޭހަތްދީފައިވާއިރު، 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ވަނީ ތިން އުޅަނދެއް ޓޯވކޮށްފައެވެ. އެއީ ނުރައްކާތެރި ދުއްވި އެއް އުޅަނދާއި، މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު ދުއްވި އެއް އުޅަނދާއި، އެއްގޮތަކަށް ވެސް ލައިސަންސް ނެތި ދުއްވި އެއް އުޅަނދެވެ.
އަޟުޙާ ޢީދު ދުވަހާ ގުޅިގެން މިއަދު 16:00 އިން 18:00 އަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކުރީ މާލެއާއި ވިލިމާލޭގައެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައިވާ ގޮތުން މި ވަގުތުތަކުގައި ދުއްވުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތާއި، ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތަކަށެވެ.
މި ލިޔުން ކިޔާލުމުން